އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ބޭއްވޭ މި ކޮންފަރެންސްގައި، ވަޒީރު ޑރ. ޝަހީމް ޢިލްމުވެރިންގެ ސެޝަންގައި ވާހަކަފުޅު ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ކޮންފަރެންސްގެ ނަމަކީ "ގަރލްސް އެޑިއުކޭޝަން އިން މުސްލިމް ކޮމިއުނިޓީސް: ޗެލެންޖަސް އެންޑް އޮޕޮޗުނިޓީސް" އެވެ. މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިރުޝާދުގެ ދަށުން، މުސްލިމް ވޯލްޑް ލީގާ ގުޅިގެންނެވެ.

ވަޒީރު ޑރ. ޝަހީމަކީ މުސްލިމް ވޯލްޑު ލީގުގެ ސުޕްރީމް ކައުންސިލްގެ މެމްބަރެއް ކަމަށްވާތީ، ދިވެހިރާއްޖެ ތަމްސީލުކުރައްވާ މި މަޤާމުގެ ހައިސިއްޔަތުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ވަޒީރު ޑރ. ޝަހީމް އިސްލާމާބާދުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއަށް ވެސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅަކީ 2 ދުވަހުގެ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!