ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ހޯދުމަށް ވެވޭ އެއްބަސްވުމަކަށް ނުހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ޚުޠުބާގައި ވިދާޅުވީ، ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ ޢަހުދު ކަށަވަރެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނުހެދުމަށް އިލްތިމާސްކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވި ގޮތުގައި، އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާޤާއި ރިވެތި ސިފަތަކުންނެވެ. އަދި އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ވަޒީފާގެ މައިދާނުން ރިވެތި މާތް އަޚްލާޤީ ސިފަތައް ފެންނަންޖެހޭކަމަށާއި، ކޮންމެ މުވައްޒަފަކީވެސް އޭނާ ހެއްދެވި މަޤުޞަދު މަތިން ހަނދާންކޮށް އެމަޤުޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރަންޖެހޭނޭ މީހެއްކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ.
ޚުޠުބާގައި ވިދާޅުވެފައިވަނީ، އޮފީހުގެ ކަރަންޓާއި ފެނާއި، ފޯނާއި ކަރުދާހާއި، މެޝިނަރީތަކާއި، ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީވެސް އަމާނާތެއްކަމަށާއި، މި އަމާނާތްތަކަށް ރައްކާތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެއްކަމަށް ފާހަގަކުރައްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!