ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޖަމާއަތްތެރިން އުފެއްދުމަށް ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖަނާޒާ ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހުއްދަ ހަވާލުކޮށްފިއެވެ.

އެ ރަށުގައި ޖަމާއަތްތެރިން އުފެއްދުމުގެ މަގުސަދުގައި އެ ރަށު ކައުންސިލުން އިސްނަގައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއިއެކު މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅުއެވެ. މި ކޯސް ފުރިހަމަކޮށް 13 ފަރާތަކުން ވަނީ ސަނަދު ހާސިލްކޮށްފައެވެ.

Ad
rt

ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހުއްދަ ހަވާލުކޮށްފައި ވަނީ، މި ދިޔަ އާދީއްތަ ދުވަހުގެ ރޭ އިހަވަންދޫގައި "ގޮވާންކުރުން" ނަމުގައި ބޭއްވި ދަރުސްއަށް ފަހުއެވެ. އެ ދަރުސް ދެއްވާފައި ވަނީ ޝެއިޚް އިލިޔާސް ހުސެއިންއެވެ. ކޯސް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓާއި ހުއްދަ ހަވާލުކޮށްދެއްވާފައި ވަނީ ވެސް ޝެއިހް އިލިޔާސް ހުސެއިންއެވެ.

މި ކޯހާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ އެ ރަށުގައި ޖަމާއަތްތެރިން އުފެއްދުމަކީ ކައުންސިލުގެ ޕްލޭންގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، އަލަށް ކަށުކަމާކެމީގެ ހުއްދަ ހާސިލްކުރި ފަރާތްތަކާއިއެކު ރަށުގައި ކަށުކަމާއިކެމީގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ކޯހުގައި ކިޔަވައިދެއްވާފައި ވަނީ މުދައްރިބު އަލްއުސްތާޛް އަބްދުލް ޤާދިރު މުޙައްމަދެވެ. ކޯސް ކުރިއަށް ގެންދިޔުމުގައި އެ ފަރާތުން ދެއްވި އެހީތެރިކަމަށް ސޮބާހް ވަނީ ޝުކުރު އަދާކޮށްފައެވެ.