ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ކުޅުން ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ފަށާފައިވާއިރު ހއ.އަތޮޅު ބުރުގެ މެޗުތަކުން ދިއްދޫ، ބާރަށް، ކެލާ މޮޅުވިއިރު ވަށަފަރާއި އުތީމް އެއްވަރު ވެއްޖެއެވެ.

މި މުބާރާތުގައި ހއ.އަތޮޅުން ވަނީ 10 ޓީމަކުން ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު ގްރޫޕް އޭގައި ހިމެނެނީ ހޯރަފުށި، ބާރަށް، މާރަންދޫ ކެލާގެ އިތުރުން ފިއްލަދޫއެވެ. ގްރޫޕް ބީގަގައި ހިމެނެނީ މާރަންދޫ، ދިއްދޫ، ވަށަފަރު، އުތީމުގެ އިތުރުން އިހަވަންދޫއެވެ.

Ad
rt

ރޭ ގްރޫޕް އޭގައި ހޯރަފުއްޓާއި ބާރަށް ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބާރަށުންނެވެ. މި މެޗުގައި ބާރަށަށް ލަނޑުތައް ޖަހައިދިނީ ހަސަން ސޮލާހް، އަހްމަދު ޝަޒީމްގެ އިތުރުން މުހައްމަދު މާއިޒް އެވެ. މާއިޒް ވަނީ ދެ ލަނޑު ޖަހައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. ހޯރަފުއްޓަށް ދެ ލަނޑު ވެސް ޖަހައިދިނީ މުހައްމަދު ރައްޔާންއެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި ކެލާ އިން ވަނީ 2-0 ގެ ނަތީޖާއިން މާރަންދޫ ބަލިކޮށްފައެވެ. ކެލާ ޓީމަށް ދެ ލަނޑުވެސް ޖަހައިދިނީ އަހްމަދު ވަހީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.

ގްރޫޕް ބީގައި ރޭ ދިއްދޫއިން ވަނީ 2-0 ގެ ނަތީޖާއިން މުރައިދޫ ބަލިކޮށްފައެވެ. ދިއްދޫއަށް ލަނޑުތައް ޖަހައިދިނީ ހުސެއިން ޝިފާހް އާއި އަހްޒަމް ރަޝީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދިއްދޫގެ ހައިޝަމްއެވެ.

ގްރޫޕް ބީގެ ދެވަނަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ވަށަފަރާއި އުތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ވަށަފަރަށް ލަނޑުތައް ޖަހައިދިނީ އިބްރާހީމް އަތީގް އާއި އިބްރާހީމް ސަނޫންއެވެ. އުތީމްގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު އައިހަމެވެ.

މި މުބާރާތުގައި ހއ އަތޮޅުގެ މެޗުތައް ދެން އޮންނާނީ މި މަހުގެ ނުވަވަނަ ދުވަހުގެ ރެއެވެ. ފިއްލަދޫއިން އެ ޓީމްގެ ފުރަތަމަ މެޗަށް ނުކުންނާނީ ހޯރަފުއްޓާއި ދެކޮޅަށެވެ. މި ގްރޫޕްގައި ދެން އެރޭ ކުޅޭނީ ބާރަށާއި މާރަންދޫއެވެ. ގްރޫޕް ބީގައި އިހަވަންދޫއިން މުރައިދޫއާއި ބައްދަލުކުރާއިރު ދިއްދޫ ނުކުންނާނީ ވަށަފަރާއި ދެކޮޅަށެވެ.