ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ "ސާއްބަ އެނިވާސަރީ ކަޕް 2024" ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު އަހުލީ އިން ކާމިޔާބު ކޮށްފިއެވެ

އިއްޔެ ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި މުބާރާތް ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުލީ އާއި ފަލްކަން އެވެ. މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަހުލީންނެވެ.

Ad
rt

މި މެޗުގައި އަހުލީގެ އިބްރާހިމް އިމްރާން ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ ހުސެއިން އާއި ހާމިދު އާސިފް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އަހުލީގެ އިބްރާހިމް އިމްރާން އެވެ.

އިއްޔެ ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރޫހް އާއި ބުރު ސްޕޯޓްސް ކްލަބެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ރޫހް ޓީމުންނެވެ.

މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު އަސްލަމްގެ އިތުރު ހައިޝަމް ރަޝީދުއެވެ. ހައިޝަމް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މުބާރާތުގެ ދެ މެޗު މިއަދު ވެސް ކުޅޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރިއަލް ސްޓާސް އާއި ޔުނީފޯމެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޔޫތު ފްރެންޑްސް އާއި ޝީލްޑެވެ.

މި މުބާރާތުގައި ޖުމްލަ 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީގެ ޖާގަ ލިބޭ ގޮތަށެވެ.

ގްރޫޕް އޭގައި ހިމެނެނީ އަހުލީ، ފަލްކަން، ރޫހް އަދި ބުރު ސްޕޯޓްސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ރިއަލް ސްޓާސް، ޔުނީފޯމް، ޔޫތު ފްރެންޑްސްގެ އިތުރުން ޝީލްޑެވެ.