މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން "އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރާ ހިއްސާކުރެވާފައެވެ. އަދި ފަންނީ ޓީމުން އެއްކޮށްފައިވާ ޕެސްޓްގެ ސާމްޕަލްތައްވެސް މިނިސްޓަރަށް ހިއްސާކުރައްވާފައެވެ.

Ad
rt

މި ދަތުރުފުޅުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރު ބައްލަވާލައްވައި، ސެންޓަރުގެ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސެންޓަރުގައި މިވަގުތު ކުރިއަށްގެންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރި ދަތިތައް ހައްލުކުރުމާ ބެހުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ބަލައި، އެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި ދަތުރުފުޅެކެވެ.