ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.
ފިލްމީ ދާއިރާގައި ސަމާސާ، މަޖާ ރޯލުތައް ކުޅުމުގައި މަގުބޫލުކަން ހޯދި، އަދި ފިލުމާއި ޑްރާމާ އުފައްދާ ނެރުމުގައި މަސައްކަތްކުރާ މުހައްމާ ވަނީ މީގެ ކުރީން. 18 ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ފުރުއްވާފައެވެ.
ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އެ ބޭފުޅުންގެ ނަންތައް ރައީސް، މަޖިލީހަށް ފޮނުއްވާފައިވާއިރު އެންމެ އިސްކަންދޭ ނަމެއްގެ ގޮތުގައި އޮތީ މުހައްމާގެ ނަމެވެ. ދެވަނަ މަގާމަށް އިސްކަންދޭ ނަމެއްގޮތުގައި އޮތީ ކުރީ ނައިބު ރައީސް އަހްމަދު އަދީބުގެ ވަރަށް ބޮޑު ސަޕޯޓަރެއްކަމަށްވާ، އީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ)ގެ ނަމެވެ.
ރައީސް ފޮނުއްވި ނަންތަކުގެ އިސްކަންދޭ ތަރުތީބަކީ، މުހައްމަދު އަބްދުﷲ (މުހަންމާ)، ހުސްއަކުރުގެ ހއ. އިހަވަންދޫ، އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ ނ. ފޮއްދޫ، އިބްރާހިމް އަޝްރަފު، ވ. މަށިވެލި، ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ، އަބްދުﷲ ހުމައިދު، ފަޒާ ޅ. ހިންނަވަރު، އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ، އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، ޝިމްލާ އަމްހަދު، އާސްޓްރަލްގެ ސ. ހިތަދޫ، އިސްމާއިލް ޝަފީގް، މ.ސްލީޓް، ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ފުވައްމުލައް، އަލީ ނިޝާން، ގ ކޫލްގްރާސް އަދި މުހައްމަދު ޝަމީމް، ހ ޕްރިޓީވިލާ އެވެ.
މިއަދުގެ ޖަލްސާގައި ވަނީ ބްރޯޑްކޮމަށް އައްޔަން ކުރާނެ ދެ ބޭފުޅުން ކަނޑައަޅަން ނަންތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފައެވެ.
7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!