ހދ.އަތޮޅު ކައުންސިލުން ތައިލެންޑްގެ ބެންކޮކަށް ކުރި ދަތުރުގެ އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލް އާންމުކުރަށްވާފައިވާއިރު، އެ އޮޑިޓް ރިޕޯޓަކީ އޮޑިޓަރ ޖެނެރަލްގެ ޒިންމާއިން ބޭރު، މާލިއްޔަތު ސާކިއުލާއާއި ވެސް ޚިލާފް ރިޕޯޓެއްކަމަށް ހދ.އަތޮޅު ކައުންސިލުން ބުނެފިއެވެ.
1 ޑިސެމްބަރު 2024 ގައި އޮޑިޓަރ ޖެނެރަލް އާންމުކޮށްފައިވާ ''ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް''އާއި ގުޅިގެން ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 9 އިން 18 އަށް އެ ކައުންސިލުން ތައިލެންޑަށް ކުރި ދަތުރަކީ، އެ ކައުންސިލާއި ތައިލެންޑްގެ އެޑްވާންސް އިންޓަނޭޝަނަލް ޓްރެއިނިން ނެޓްވޯކް (އޭޓީޓީއެން)އާއި ގުޅިގެން ހދ.އަތޮޅު ކައުންސިލް މެމްބަރުންނާއި، އެ ކައުންސިލްގެ އިސް މުވައްޒަފުންނަށް ބެންކޮކްގައި ހިންގި ''ގުޑް ގަވަރންސް، ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓް'' ކެޕޭސިޓީ ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރި ދަތުރެއް ކަމަށެވެ.
މި ދަތުރާއި ގުޅިގެން އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ''ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް'' ރިޕޯޓަކީ މާލީ ވުޒާރާގެ މާލިއްޔަތު ސާކިއުލާއާއި ޚިލާފަށް އެކުލަވާލާފައިވާ ރިޕޯޓެއްކަމަށް ހދ.އަތޮޅު ކައުންސިލުން ބުންޏެވެ. އަދި މި ރިޕޯޓަކީ އެ ރިޕޯޓުގެ ދެވަނަ ސަފްޙާގައި ބަޔާންކޮށްފައިވާ ''އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާއި'' ޚިލާފަށް ލިޔެފައިވާ ރިޕޯޓެއްކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފަވެއެވެ.
މީގެ އިތުރުން މި ރިޕޯޓް އާންމުކޮށްފައި ވަނީ އެ ކައުންސިލުން ފުރިހަމަކުރި ތަމްރީނު ޕްރޮގްރާމާއިބެހޭ މައުލޫމާތާއި، އެ ދަތުރުގެ ޔައުމިއްޔާއާއި އެހެން ޑޮކިއުމަންޓްތަކާއި ފޮޓޯއާއި އަދި ރިޕޯޓަށް މެނޭޖްމަންޓުން ދީފައިވާ ކޮމެންޓަށް ރިޢާޔަތްކުރުމެއްނެތި ކަމަށް އަތޮޅު ކައުންސިލްގެ ބަޔާނުގައި ބުނެފަވެއެވެ.
''އޮޑިޓު އޮފީހުގެ މި އޮޑިޓް ރިޕޯޓަކީ އޮޑިޓުގެ ޒިންމާއިން ބޭރުން އިދާރީ ދާއިރާގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ މޭރުމަކުން ޢާންމުކޮށްފައިވާ ރިޕޯޓެއްކަން ރައްޔިތުންނާއި މީޑިއާތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.'' ހދ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ސޮއިކޮށްފައިވާ މި ބަޔާނުގައި ބުނެފައެވެ.
މީގެ އިތުރުން ވެސް ފަސް ނުކުތާއެއް މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އޮޑިޓް ރިޕޯޓުގައި އެ ދަތުރުކޮށްފައި ވަނީ މާލީ ވުޒާރާގެ މާލިއްޔަތާބެހޭ ސާކިއުލާއާއި ޚިލާފަށްކަމަށް، މާލީ ވުޒާރާގެ ހުއްދަ ނުހޯދާކަމަށް ބަޔާންކޮށްފައިވާތީ، މާލީ ވުޒާރާގެ އެ ސާކިއުލާއަކީ ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން އެ ސާކިއުލާއާއި އެއްގޮތަށް ޢަމަލުކުރުމަށް ސަމާލުކަން ދިނުމަށް ނެރެފައިވާ ސާކިއުލާއެއްކަމަށް ބުނެފަވެއެވެ. އަދި އެކަން އޮޑިޓަރ ޖެނެރަލް އަށް އެނގިވަޑައިގެންފައި ނެތުމަކީ، އޮޑިޓަރޖެނެރަލްގެ ޒިންމާދާރުކަމާއި، ޤާބިލްކަމާއި މެދު ސުވާލުއުފެދޭ ކަމެއްކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.
ހދ. އަތޮޅުކައުންސިލުން ބުނެފައިވާ ގޮތުގައި އޮޑިޓް އޮފީހުން ނެރުނު، ''ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް'' އަކީ ޢާންމު ރައްޔިތުންނާއި، މީޑިއާ އާއި މުޅި ދައުލަތުގެ ކުރިމަތީގައި ހދ.އަތޮޅު ކައުންސިލް ފަޟީހަތް ކުރުންކަމަށާއި، އެ ގޮތަށް ޢަމަލުކުރުމުން އެއީ އެ ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއްކަމަށެވެ.
ހދ.އަތޮޅު ކައުންސިލްގެ ނޫސްބަޔާން ކިޔާލަން
އޮޑިޓަރ ޖެނެރަލް އާންމުކުރި ''ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް''ގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލް އިދާރާއިން ޚަރަދުކޮށްގެން ތައިލެންޑްގެ ބެންކޮކަށް، އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި އަދި ސީނިއަރ މެނޭޖްމަންޓްގެ ބައެއް މުއައްޒަފުން ހިމެނޭހެން ޖުމްލަ 20 މީހުން 10 ދުވަހުގެ ތަޖުރިބާއާއި ތަމްރީން ހޯދުމުގެ ދަތުރެއް ވަނީ ކޮށްފައެވެ. މި ދަތުރަށް 952،885 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މި ދަތުރުން ލިބުނު ތަޖުރިބާއިން ހދ.އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއްކޮށްފާ ނުވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި ދަތުރަކީ ކައުންސިލްގެ މަސައްކަތާއި ގުޅުންހުރި ގިނަ ދާއިރާތަކެއްގެ ކަންކަން ފުޅާކޮށް ތަރައްގީކޮށް، ފަންނުވެރިކަން އިތުރުކުރުމަށް ކުރެވުނު ދަތުރެއްނަމަވެސް، ދަތުރުނިމި އެއް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް، ހދ. އަތޮޅުގެ އެއްވެސް ރަށެއްގައި މިދަތުރުން ހޯދުނު ތަޖުރިބާއާއި، ފަންނީ ކުރިއެރުމުގެ ބޭނުންކޮށްގެން އެއްވެސް މަޝްރޫޢުއެއް ފަށާާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!