ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރަށްވާނެ ކަމަށާއި، މި ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ބޭރުފައިސާގެ ގަވާއިދަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވި ސަބަބުތައް ވިދާޅުވިއެވެ. މިގޮތުން މި އިސްލާޙްގެ ސަބަބުން ލިބޭނެ ފައިދާތައް ކަނޑައެޅީ ފަންނީ ގޮތެއްގައި ދިރާސާތައް ކުރުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރު އެކަނި ވެސް ޓޫރިޒަމް ސެކްޓަރ އަށް 4.5 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީއެއް ލިބުނު ކަމަށާއި، އެކަމަކު އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރީ 1.5 ޕަސެންޓް ކަމަށެވެ. އަލަށް ކަނޑައަޅާފައިވާ ގަވައިދަށް ޑޮލަރު މާރުކުރާ ނަމަ އެއީ 15-20 ޕަސެންޓުގެ އިތުރު ވުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ނެތީން މި ގަވާއިދު ބަދަލު ކުރަން. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކޭ," ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިއީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި، މިކަން އިތުރަށް ތަންފީޒުކުރުމަށް ފަހިކޮށްދިނުމަށް އެކަމަށް ޚާއްޞަ ފޮރެކްސް ޤާނޫނެއް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިހާރު ކަނޑައަޅާފައިވާ ގޮތަށް ރާއްޖޭގެ ބޭންކުތަކަށް ރިސޯޓުތަކުން ޑޮލަރު މާރުކުރާ ނަމަ ބޮޑު ފައިދާއެއް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބްލެކް މާކެޓްގެ ބަދަލުގައި ރަސްމީ ރޭޓްގައި ޑޮލަރު ގަންނަން ފެށުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރަކަށް 1,000 ޑޮލަރު ވިއްކަން ފެށުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް 1,400 ޑޮލަރާ ހަމައަށް މަތިވުމާއި، ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކުރުން ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވިޔަފާރިތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ވީމާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ތިބޭނީ ރައްޔިތުންގެ ފަޅީގައޭ. އަޅުގަނޑު ނެތިން މި ގަވާއިދު ބަދަލުކުރާކަށެއް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ ގަވާއިދު ބަދަލެއް ނުކުރާނަމޭ،" ވަރަށް ޔަގީންކަމާ އެކު ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ބަސްފުޅުތަކުން އެނގިގެންދަނީ، ޑޮލަރު މާރުކުރުމުގެ މިހާރުގެ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެންނަވާނެކަމާއި، މި ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށްވެސް ލާޒިމްކަމެއް ކަމުގައެވެ. އަދި މި ގަވާއިދުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރިތަކަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވައިލައްވައި، ސަރުކާރުން މި ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ދެކެވަޑައިގަންނަވާކަން ވެސް ސާފުވެގެން ދިޔައެވެ.
"މި ސަރުކާރު އޮންނާނީ ސަތޭކަ ޕަސެންޓު ރައްޔިތުންނާ އެކީގައި. ސުވާލެއް ވެސް އެއަކު ނޯންނާނެ،" ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!