ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް މީގެ ކުރިން ބިނާކުރުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގައެވެ. އެއީ މިދިޔަ ސަރުކާރުގެ ނިންމުމެކެވެ.

Ad
rt

އެހެން ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށިން، އެ ސްކޫލް ބިނާކުރުމަށް ބިމެއް ހަމަޖައްސަވާފައެވެ.

މި ސްކޫލްގެ ޑިޒައިންނަށް ވެސް މި ސަރުކާރުން ބަދަލު ގެނެސްފައިވާއިރު، އެ ބަދަލުތަކާއެކު، ސްކޫލް ޢިމާރާތްކުރުމަށް ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރެވި، އާ އަގުތަކެއް ކަނޑައެޅުނު ނަމަވެސް، އޭގެ ސަބަބުން ދައުލަތަށް ގެއްލުންވާ ވަރު ބޮޑުވެ، ޚަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް ވަނީ ބާޠިލުކުރެވިފައިކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން މިއަދު ބުންޏެވެ.

ކުރީގެ ކޮންޓްރެކްޓް ބާޠިލު ކުރުމަށްފަހު ތަޢުލީމާ ބެހޭ ވުޒާރާއިން ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ބަޔަކު ކަނޑައެޅީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިގޮތުން ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާއެވެ. އާރުސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް، 540 ދުވަހުގެ ތެރޭގައި މަސައަތް ނިންމާގޮތަށެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތް އަލުން ހަވާލުކުރެވިފައި ވަނީ ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްވާ ގޮތަށް ކަމަށެވެ.

މި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނޭނެއެވެ. މީގެ އިތުރުން މި ސްކޫލު ޢިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ.