އިންޑިއާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނެވި ހައިކޮމިޝަނަރ މުނޫ މަހާވަރު ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ހާލަތު ބައްލަވާލެއްވުމަށް ކޮމިޝަނަރ ހަނިމާދޫއަށް ވަޑައިގެންފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

Ad
rt

އެ ދަތުރުފުޅުގެ ތެރެއިން ކޮމިޝަނަރ ވަނީ ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލު ކުރެއްވުމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެއްވަމުން އެ ކައުންސިލްގެ އެސްޖީ މުހައްމަދު އާސިފް ވިދާޅުވީ ހަނިމާދޫ ކައުންސިލުން ކޮމިޝަނަރ އާއި ބައްދަލުކުރެއްވީ އެ ފަރާތުގެ އެދުމުގެ މަތީން ކަމަށެވެ.

އާސިފް އިތުރަށް ވިދާޅުވީ މި ބައްދަލުވުމުގައި ކޮމިޝަނަރ ވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ފަށާފައިވާ ޕްރޮޖެކްޓާއި ގުޅޭގޮތުން ކައުންސިލުން ދެކޭގޮތް އިތުރަށް އޮޅުން ފިލުވައި ޕްރޮޖެކްޓާއި ގުޅޭ އެއްވެސް ކަންބޮޑުވުމެއް ނުވަތަ ހުށަހެޅުމެއް އޮތްތޯ ބެއްލެވުމަށް ކައުންސިލާއި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެއިތުރުން ކޮމިޝަނަރ އެދިލެއްވުމުގެ މަތީން ކައުންސިލުން މި ބައްދަލުވުމުގައި ވަނީ ހަނިމާދޫއަށް ދަތިވެފައިވާ ކަންކަން ހުށަހަޅުއްވާފައެވެ. މިގޮތުން ހަނިމާދޫ ގައި ހޮސްޕިޓަލެއް ގާއިމް ކުރުމަށާއި، ހަނިމާދޫ ސްކޫލަށް ބޭނުންވާ އިތުރު ކްލާސްރޫމްތަކާއި، ހަނިމާދޫގައި ތަރައްގީ ކުރެވިފައިވާ ޒަމާނީ ކުނިކޮށްޓަށް ބޭނުންވާ މެޝިނަރީސް ހޯދުމުގައި ކައުންސިލަށް އޮތް ދަތިކަން ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ހިއްސާ ކުރައްވާފައެވެ.

ކައުންސިލުން ހުށަހެޅުއްވި ކަންތައްތަކަށް ބަލައި ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބެއްލެވުމަށް ދިވެހި ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާ ކުރާނެކަމުގެ ޔަގީންކަން ކޮމިޝަނަރ އަރުވާފައިވާ ކަމުގައި އާސިފް ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު ކޮމިޝަނަރ ވަނީ ހަނިމާދޫ ސްކޫލްގެ ލައިބްރަރީއަށް ފޮތާއި ކޮމްޕިއުޓަރ ސިސްޓެމެއް ހަދިޔާ ކޮށްފައެވެ. އަދި ސްކޫލްގެ ޕްރިންސިޕަލާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ ކެޕޭސިޓީ ބިލްޑިޕް ޕްރޮގްރާމްތަކުގައި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރި ކުރެއްވުމަށް ވެސް ކޮމިޝަނަރ ވަނީ އެދިލައްވާފައެވެ.