ބޮޑުތިލަދުންމަތި ހިމެނޭހެން މެރިކަލްޗަރ ސިނާއަތް ތައްރައްގީ ކުރުމަށް ރާއްޖޭގެ ހަތަރު ސަރަހައްދެއް ކަނޑައަޅާފައިވާއިރު، މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ ހަތަރު ސަރަހަދުގެ ތެރޭގައި ހިމެނެނީ ބޮޑުތިލަދުންމަތި، ރ.އަތޮޅު، މ.އަތޮޅުގެ އިތުރުން ތ.އަތޮޅެވެ. ވަޒީރުންގެ މަޖިލީހުން މި ނިންމުން ނިންމާފައި ވަނީ މިދިޔަ ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

Ad
rt

ވޯލްޑް ބޭންކްގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުން ކުރިއަށްގެންދިޔަ ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗްގައި ޖުމްލަ 16 ފަރާތަކުންވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. ފުރަތަމަ ބެޗާއި ދެވަނަ ބެޗު ހިމެނޭހެން 26 ފަރާތެއް މި ކޯސް މިހާރު ވަނީ ފުރިހަމަ ކޮށްފައެވެ.

ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު، އަހްމަދު ޝިޔާމް ވިދާޅުވީ އެސަރަހައްދުތަކުގައި މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މެރިކަލްޗަރ ސިނާއަތް ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މެރިކަލްޗަރ ތަރައްޤީކުރަން ބޮޑުތިލަދުންމަތި ހިމެނޭހެން ހަތަރު ޒޯނެއް

މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މެރިކަލްޗަރ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.

މިމަސައްކަތް ކުރުމަށް ރަސްމީކޮށް ކަނޑައަޅާފައިވާ ހަތަރު ސަރަޙައްދުން ނަގާ ބިމަށް ލޭންޑް އެކުއިޒިޝަނަށް ފައިސާ ނުނަގާނެއެވެ. އަދި ފުރަތަމަ ތިން އަހަރުގެ ބިމު ކުލި ވެސް ނުނަގަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިމަސައްކަތަށް ބޭނުންވާ ވަސީލަތް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ ނުނަގަން ވެސް ސަރުކާރުންވަނީ ނިންމާފައެވެ.