ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހެލްތު އެކްސްޕޯ 2024 ރޭ ފަށައިފިއެވެ.
ހެލްތު އެކްސްޕޯ 2024 ފެށުމަށް، އެ އެކްސްޕޯ ހުޅުއްވައި ދެއްވާފައި ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
މިއީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ޞިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސިއްހަތާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ހެލްތު އެކްސްޕޯ 2024ގައި، ޞިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މި އެކްސްޕޯގައި ގާއިމުކޮށްފައިވާ 50 ސްޓޯލަކުން، އާންމުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި އެކްސްޕޯ ހުޅުއްވައި ދެއްވުމަށްފަހު ނައިބު ރައީސް ވަނީ ހެލްތު އެކްސްޕޯ 2024 ގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތައް ބައްލަވާލައްވާފައެވެ.
ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ޞިއްޙީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ވަނަވަރު ހިމެނޭހެން ތައްޔާރުކޮށްފައިވާ "ހަފުތާ 52" އާންމުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!