މާލޭގެ ސްޕާއެއްގައި ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ތައިލެންޑެންޑަށް ނިސްބަތްވާ އަންހެނުންތަކަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

Ad
rt

ކޯޓު އަމުރެއްގެ ދަށުން އެތަނަށް ވަދެ ބަލައިފާސްކޮށްފައި ވަނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

މިދިޔަ އަންގާރަދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދިވެހި މީހާއަކީ، ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ) އެވެ. ތައިލެންޑްގެ ހަތަރު އަންހެނުންނަކީ، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު، މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.