ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
މި މަޝްރޫޢު މުޅިރާއްޖޭގައި ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
އެއަށްފަހު މި މަޝްރޫޢު އިފްތިތާޙްކޮށްފައިވާއިރު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި މަޝްރޫޢުގެ ދަށުން ފުރަތަމަ އިފްތިތާޙުކުރި އޭ.ޓީ.އެމް. އަކީ އދ. އޮމަދޫގައި ޤާއިމުކުރެވުނު އޭ.ޓީ.އެމް އެވެ.
މިވަގުތު ދިވެހިރާއްޖޭގައި ބީ.އެމް.އެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭ.ޓީ.އެމް ޤާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެކެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!