ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ.

Ad
rt

މި ސަރުކާރާއި ހަވާލުވިއިރު ވެސް އެފަދަ 77 ރިކުއެސްޓެއް އަދި މަޖިލީހުގެ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަތުމާއި ހަމައަށް އެކަމަށް 84 ރިކުއެސްޓް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރާނެ މިވަގުތު ރާއްޖޭގައި ހުރީ އެންމެ ސެންޓަރެއް ކަމަށެވެ. ނަމަވެސް މި ވަދު ކަނދުފަތިތައް އެޅުމަށް މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެން އައިސް މި ކެޕޭސިޓީ އިތުރުކޮށް، ވަދުކަނދުފަތު މާލެ ސަރަހައްދުން ބޭރުގައި އެޅުމަށްޓަކައި މިހާރު ވާނީ ށ. އަތޮޅު ފުނަދޫއިން ބިމެއް ކެނޑި، ކަނދުފަތި އެޅުމުގެ ސެންޓަރެއް އެތަނުގައި ގާއިމުކުރުމުގެ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނެ'' ވަޒީރު ވިދާޅުވެފަވެއެވެ.

ވަޒީރު ވިދާޅުވީ، ދެކުނުގައި ވެސް މިފަދަ ސެންޓަރެއް އެޅުމަށް މިހާރު ރަށެއް އައިޑެންޓިފައިކުރެވި، އެރަށުން ބިން ހަމަޖެހުމާއެކު ވަރަށް އަވަހަށް އެ ސެންޓަރު އެޅުމުގެ މަސައްކަތް ވެސް ފެށިގެން ދާނެކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ބޮއިތައް އަޅަން ބޭނުންފުޅުވަނީ އަންނަ ރިކުއެސްޓްތަކަށް ވުރެބޮޑަށް ވަކި އިންތިޒާމްތަކެއްގެ ދަށުންކަމަށެވެ.