ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއިން ފަތުރުވެރިކަމުގެ ވިޔަވާރި ކުރުމަށް ދޫކުރާ ބިންތަކުގެ ތެރެއިން އެޑްވާންސް ފައިސާ ދެއްކި ހަތަރު ކުންފުންޏަށް ހަނިމާދޫ ކައުންސިލުން ބިން ހަވާލުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަނިމާދޫ ކައުންސިލުގައި ބިންތައް ހަވާލުކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި ހަތަރު ބިން ހަވާލުކޮށްފައި ވަނީ ތިން ކުންފުންޏަކަށެވެ. ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑް އަށް ދެ ބިން، އަދި ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މިންޓް ޕްރައިވެޓް ލިމިޓެޑް، މި ކޮންމެ ކުންފުންޏަކަށް އެއްބިމެވެ.
ހަނިމާދޫ ކައުންސިލުން އެ ރަށު ޓުއަރިޒަމް ޒޯނުން، ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރަން ނިންމައި ބިންތަކަށް ކުރިމަތިލާން ހުޅުވާލީ 10000 (ދިހަހާސް) އކަފޫޓުގެ 4 ބިމަކާއި، 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެއް ހިމެނޭހެން ޖުމްލަ 18 ބިމެވެ. މި ބިންތައް 50 އަހަރަށް ދޫކުރާއިރު، އެޑްވާންސް ފައިސާގެ ގޮތުގައި ނަގަނީ އޭގެ ތެރެއިން އަހަރަކަށް ވާ ފައިސާއެވެ.
ބްރޯކް އެންޑް ބިޒީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވަނީ ޕްލޮޓް 9 އާއި ޕްލޮޓް 10 އެވެ. ޕްލޮޓް 9 ގެ 50 އަހަރުގެ ކުއްޔަކީ 539400 ޑޮލަރެވެ. މި ބިމަށް އަހަރަކަށްވާ ފައިސާގެ ގޮތުގައި 10788 ޑޮލަރު ވަނީ އެޑްވާންސްގެ ދައްކާފައިވެއެވެ. އަދި ޕްލޮޓް 10 ގެ 50 އަހަރުގެ ކުއްޔަކީ 602175 ޑޮލަރެވެ. މި ބިމަށް އަހަރަކަށްވާ ފައިސާގެ ގޮތުގައި 12043.5 ޑޮލަރު އެޑްވާންސްކޮށް ދައްކާފައިވެއެވެ.
ޔޫރެކާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައި ވަނީ ޕްލޮޓް 11 އެވެ. މި ބިމުގެ 50 އަހަރުގެ ކުއްޔަކީ 590000 ޑޮލަރެވެ. އަހަރަކަށްވާ ފައިސާގެ ގޮތުގައި 11800 ޑޮލަރު އެޑްވާންސްކޮށް ދައްކާފައިވެއެވެ.
މިންޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައި ވަނީ ޕްލޮޓް 12 އެވެ. މި ބިމުގެ 50 އަހަރުގެ ކުއްޔަކީ 581250 ޑޮލަރެވެ. އަހަރަކަށްވާ ފައިސާގެ ގޮތުގައި 11625 ޑޮލަރު އެޑްވާންސްކޮށް ދައްކާފައިވެއެވެ.
ހަވާލުކުރެވުނު މި ހަތަރު ބިމަށް އެޑްވާންސް ފައިސާގެ ގޮތުގައި ހަނިމާދޫ ކައުންސިލަށް ވަނީ 46256.5 ޑޮލަރު ލިބިފައެވެ.
ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމި ބިންތައް ނެގި ކުންފުނިޔަކަށް އެޑްވާންސް ފައިސާ ދެއްކުމަށް ހަނިމާދޫ ކައުންސިލުން 10 ދުވަހުގެ މުހުލަތެއް ދީފައިވަނީ މި މަހުއެވެ. އެ މުއްދަތު ހަމަވެފައި ވަނީ މި މަހު 16 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވިއިރު އެޑްވާންސް ފައިސާ ދައްކާފައި ވަނީ ހަތަރު ބިމަކަށެވެ.
މި ނޫހަށް މައުލޫމާތު ދެމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުހައްމަދު ބުނީ އެޑްވާންސް ފައިސާ ނުދައްކާ މިހާތަނަށް ހުރި ކުންފުނިތަކާއިމެދު ދެން އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް ކައުންސިލުން ނިންމާނެ ކަމަށާއި، އެކަމުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކުގެ ލަފާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހަނިމާދޫއަކީ މިހާރު ޓްއަރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. މިގޮތުން އެ ރަށުގައި މިހާރު ވެސް ސިޓީ ހޮޓަލެއް އަންނަނީ ހިންގަމުންނެވެ. އަމިއްލަ ފަރުދުންނާއި ބައެއް ކުންފުނިތަކުން ގެސްޓްހައުސްތައް ހަދައި މިހާރު އެ ރަށުގައި ހިންގަމުން އަންނައިރު، އިމާރާތްކުރެވި ހުޅުވުމުގެ މަރުހަލާގައި ވެސް ބައެއް ގެސްޓް ހައުސްތައް އެބަހުއްޓެވެ.
ހަނިމާދޫ އިންޓަނޭނަލް އެއާޕޯޓް ބޮޑު ކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެއާޕޯޓް ނިމި ސީދާ ބޭރުގެ ގައުމުތަކަށް ހަނިމާދޫއިން ދަތުރުކުރެވެން ފެށުމުން އެ ރަށުގެ ޓޫރިޒަމް ވިޔަފާރިއަށް ފަސޭހަ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މަޝްރޫއުއާއި ގުޅިގެން ހަނިމާދޫގެ ބިމުގެ ޑިމާންޑް މިހާރު ވެސް ވަނީ މައްޗަށް ދާން ފަށާފައެވެ.
މީގެ ތިން ދުވަސްކުރިން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!