ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ތިލައުތުރު ރަންތާޖު ޤުރުއާން މުބާރާތް 2024" ފަށައިފިއެވެ.

ހއ.އަތޮޅުގެ ރަށުކައުންސިލްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް މިއަދު މެންދުރު އެ އަތޮޅު އުތީމުގައި ފަށާފައިވާއިރު، މުބާރާތުގައި އަތޮޅުގެ 13 ރަށަކުން 134 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

Ad
rt

މި މުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އެ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ. މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 24 އިން 26 ގެ ނިޔަލަށެވެ.

ތިލައުތުރު ޤުރްއާން މުބާރާތް 2024ގައި ދަރިވަރަކު ކިޔަވަނީ

މި މުބާރާތަކީ ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތަށް ހއ.އަތޮޅު ކައުންސިލް ތަމްސީލްކުރާނެ ބައިވެރިން ހޮވުމުގެ ބޭނުމުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒު ކުރެވިގެން އެ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ރަށު ކައުންސިލްތަކުން އޮޑިޝަނެއް ނުވަތަ މުބާރާތެއް ބާއްވައި އެ އޮޑިޝަނުން ނުވަތަ މުބާރާތުން ހޮވިގެން އެ ރަށެއް ތަމްސީލުކުރާ ބައިވެރިންގެ މެދުގައެވެ.

މި މުބާރާތަކީ ތިލަދުންމަތީ އުތުރުބުރީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުމުގެ މާތް މަގުސަދުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެންމެފަހުން ބޭއްވުނު ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ބާއްވާފައިވަނީ ހއ. މާރަންދޫގައެވެ.