ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް ހަމަލާދީ 17 މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެއްގަމު މަގުން މި ސަރަޙައްދަށް ދޭ ތިންވަނަ ހަމަލާއެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަދުވެގެން 17 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 9 ކުދިން ހިމެނެއެވެ. މި ހަމަލާ ދިނީ އެ ސަރަޙައްދުގެ ރައްޔިތުން އަނެއްކާވެސް ސަރަޙައްދު ދޫކޮށް ދިއުމަށް މަޖުބޫރުކުރުވުމަށް ފަހުގައެވެ.

Ad
rt

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސާލް ވިދާޅުވި ގޮތުގައި ރޭގަނޑު ޖަބާލިޔާއަށް ގިނަ ހަމަލާތަކެއް ދިނުމުގެ ސަބަބުން، ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވެއެވެ. އަދި ޖަބާލިޔާގެ ރައްޔިތުން ބުނާ ގޮތުގައި މިއީ މިދިޔަ އެތައް މަހެއްގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާއެވެ.

އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ ހެނދުނު އެމީހުންގެ ބާރުތަކުން ވަނީ ކާމިޔާބުކަމާއެކު ޖަބާލިޔާ ކޭމްޕް ވަށައިލައި، އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައެވެ. އިސްރާއީލުގެ ސިފައިން ބުނާ ގޮތުގައި މި ހަމަލާ ދިނީ ޖަބާލިޔާގައި ޓެރަރިސްޓުންނާއި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ހުރިކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ. އަދި ހަމާސްއިން އެ ސަރަޙައްދުގައި އަލުން ހަރަކާތްތެރިވާން މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ.