ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގަތުމުން، ނިއުދިއްލީގެ ޕަލަމް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖު އެންޑް އެކްސްޓާނަލް އެފެއާޒް ކިރިތީ ވަރުދަން ސިންގް އާއި އިންޑިއާ ސަރުކާރުގެ އިސް ބައެއް ވެރިންނެވެ.

Ad
rt

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ޤައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިންޑިއާ ސަރުކާރާއި ހަވާލާދީ އެ ޤައުމުގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ދިއްލީގެ އިތުރުން ގުޖުރާތަށާއި، ބެންގަލޯރަށް ވެސް ވަޑައިގަންނަވާނެއެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.