ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

Ad
rt

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވުމާއެކު އުތުރާއި މެދުރާއްޖޭގެ ސަރަހައްދުތަކަށް ޢާއްމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ދެކުނުގެ ރަށްތަކަށް 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވިލާގަނޑުގައި 45 މޭލާއި 55 މޭލަށް ވައިގަދަ ވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

''އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ކަނޑުތައް ވަރަށް ގަދަވާނެކަމަށް ބެލެވޭ، އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ބެލެވޭ،'' މެޓުން ބުނެފަވެއެވެ.

މެޓުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް ވެސް އެދިފައެވެ.

ކުރިއަށް އޮތް ފަސް ދުވަހު ގަދަވަޔާއެކު، ކަނޑުތައް ގަދަވެ، ބޯ ކެރިވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރުކުރުމުގައި ދަތުރަށް ފުރުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްވަނީ އެދިފައެވެ.