ހދ. ހިރިމަރަދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމިފައިވާކަމަށް ކޮންޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫޢު ނިމުމާއިއެކު، އެ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމް އިސްވެ، އެ މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމުންދަނީ މި މަޝްރޫޢުގެ އިންސްޕެކްޓްކުރުމާއި ކޮމިޝަންކުރުމުގެ މަސައްކަތް ކުރަމުންކަމަށް ކޮންޓްރަކްޝަން އެންޑް އިންފްރާސްޓަކްޗާ މިނިސްޓްރީން ބުނެފަވެއެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅާފައިވާއިރު، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އަޅާފައިވާއިރު، އަދި 1.12 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅައި، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
ޖުމްލަ 69.14 މިލިއަން ރުފިޔާއަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޑަބްލިއުއެސްސީއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!