ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި އެ ކޮންފެރެންސްގެ ބައިވެރިޔަކު، ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް، ކައުންސިލަރުންނަށް ދޭނެ މުސާރަ ކަނޑައެޅުމަށްފަހު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ހުށަހެޅުން ފައިނަލް ކުރާނީ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް، ކޮމެޓީ މަރުހަލާ ނިންމައި، މަޖިލިސްގެ ތަޅުމުން ފާސްކޮށްގެންނެވެ.
ސްޓްރަކްޗާ މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މަޖިލިސް ހުޅުވުމާއެކީގައި މަޝްވަރާއަށް ފަހުގައި ކުރިއަށް ދާން ނިންމުމެއް ނިންމާނީ،" ރައީސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ ކޮންފެރެންސްގައި ރައީސް ހާމަ ކުރެއްވި މައުލޫމާތުގައިވާ ގޮތުން ސިޓީތަކުގެ މޭޔަރުންނަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 40،000 ރުފިޔާ އެވެ. ޕިއުޓީ މޭޔަރުންގެ މުސާރައަކީ މަހަކު 35،000 ރުފިޔާ އެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ މަހަކު 30،000 ރުފިޔާ އެވެ.
މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ.
ރަށު ކައުންސިލްގެ ރައީސުންނަށް މުސާރަ ބޮޑުކުރަން ނިންމާފައިވާއިރު، މިހާރު ކައުންސިލްތަކުގެ އެކުލެވުން އޮންނަ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނަކީ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނެވެ. އެހެންކަމުން ރަށު ކައުންސިލްތަކުގެ ރައީސުން ރަށު ކައުންސިލާއެކު އެ އަތޮޅެއްގެ ކައުންސިލްގައި ވެސް މަސައްކަތް ކުރާނެ އެވެ.
ސިޓީ ކައުންސިލަރުންގެ މުސާރަ އަލުން ބޮޑުކުރީ އާ ސަރުކާރު އައިފަހުން ނިމިދިޔަ 18 ވަނަ މަޖިލިސްގެ ފަހުކޮޅުއެވެ. އޭގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ސިޓީ ކައުންސިލް ތަކުގެ މޭޔަރުންގެ މުސާރަ 18،000 ރުފިޔާއަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ވަނީ 11،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!