ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ "ތިލަދުންމަތީގެ އިރުވައި ކޮންފަރެންސް" ގައި ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިލަދުންމަތީގައި ފުރަތަމަ ކުރަން އޮތް ކަމަކީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށެވެ.
ރައީސްގެ މިވާހަކައަށް ބާރުދެއްވަމުން ފައްޔާޒް ވިދާޅުވީ ހަމައެކަނި "އިންޓަނޭޝަނަލް" ޖެހި ބޯޑެއް އަޅުވާލުމުން ނުފުދޭ ކަމަށެވެ. އަދި މި އަހަރުގެ މެދާ ހިސާބަށް ދާއިރު އެ އެއާޕޯޓު ތަރައްގީކުރުމަށް ކޮންޓްރެކްޓަރަކާއެކު ސޮއިކުރެވޭނެ ކަމަށާއި، މި އަހަރުގެ ފަހުކޮޅަށް ދާއިރު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ މަންޒަރު ޔަގީންކަމާއެކު ފެންނާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ލަސްވެގެން ދިޔައީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުމުގެ ކޮންސެޕްޓް ޑިޒައިން ދެ ފަހަރެއްގެ މަތިން ހަދަންޖެހުނު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ކޮންސެޕްޓް ޑިޒައިންކުރެވުނު ގޮތުން، މިހާރު 2،800 މީޓަރަށްވުރެ [ރަންވޭ ދިގުމިން] އިތުރުކުރެވޭ ޖާގައެއް ނުލިބޭ. އަޅުގަނޑަށް ވިސްނުނީ މީގެ 20 އަހަރު ފަހުން ނަމަވެސް މިތަން [ރަންވޭ] 3،800 އަށް ވުރެ ބޮޑުކުރަން ޖެހިދާނެއޭ. އެ ޖާގަ އޮންނަން ޖެހޭނެއޭ،"
ފައްޔާޒް ވިދާޅުވިއެވެ.
އެހެންކަމުން އެ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން އާ ޕަސެންޖަރ ޓާމިނަލަކާއި އާ ކޮންޓްރޯލް ޓަވަރެއް ހެދިގެންދާނެ އެވެ. އަދި މީގެ އިތުރުން ރަންވޭ ވެސް ދިގު ކުރުމަށް ހަމަޖެހިފައިވެ އެވެ.
"އެކަމަށް (ހަނިމާދޫ އެއާޕޯޓް) ފައިނޭންސްވެސް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން މިހާރު އެއޮތީ ކަށަވަރުކޮށްފަ އިނގޭ ތޯ. އެހެންވީމަ އެއީ ބަޖެޓަށް މާބޮޑު އަސަރެއް ނުކޮށް ކުރެވޭ ގޮތަށް އަޅުގަނޑުމެން ރާވަ އޮތް މަޝްރޫއުއެއް."
ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހަމައެއާއެކު ދަތުރު ފަތުރު ނިޒާމުން ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ޕްލޭނިންގ މިނިސްޓްރީން ފައްޓަވާނެކަމަށާއި އެކަންވެސް ފެށިގެން އަންނަނީ ތިލަދުންމަތިން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުން ކުރާ އިންޓަނޭޝަނަލް ދަތުރުތަކަކީ ހަނިމާދޫއިން އިންޑިއާގެ ތިރުވަނަންތަޕޫރަމަށާއި ކޮޗިންއަށް ބާއްވާ ދަތުރުތަކެވެ. މި ދަތުރުތައް ބާއްވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.
ހދ. ހަނިމާދޫގައި މިހާރު އޮންނަ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް އެތަނުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. އެތަނުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި އެއާކްރާފްޓުތައް ޖެއްސުމަށް އެއަށް ވުރެ ދިގު ރަންވޭ ބޭނުންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!