ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ.
ލައިބްރަރީ ހުޅުވުމަށް ފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ ޕަބްލިކް ލައިބްރަރީގެ ސަބަބުން ކުޅުދުއްފުށީގެ ތަރައްގީއާއި ތަހުޒީބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް ލިޔެވިގެން ހިނގައްޖެ ކަމަށާއި މިއީ ހަމައެކަނި ފޮތްތަކެއް ލާފަ ހުރި އިމާރާތެއް ނޫން ކަމަށެވެ.
ޕަބްލިކް ލައިބްރަރީއަކީ މައުލޫމާތާއި އިލްމުގެ ބޮޑު ހަޒާނާއެއް ކަން ފާހަގަ ކުރައްވައި މޭޔަރު ވިދާޅުވީ މިއީ އިންސާނީ ވަސީލަތް ތަރައްޤީކޮށް މީހުން ބިނާކުރާނޭ އެދުރުގެޔެއް ކަމަށެވެ.
"މިއީ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް، މިއީ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގެ ކާނާގެ ގޮވާން ދަނޑެއް، މިއީ އަޅުގަނޑުމެން ތަހުޒީބަށް ކުރާ ދަތުރުގެ ވަރުގަދަ ބައްތެއްޔެއް"
މޭޔަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!