ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގައި ޖެހިޖެހިގެން 40 ރޭ ފަތިސްނަމާދު ކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ.
މި ޕްރޮގްރާމަކީ އެ މިސްކިތުގެ އިމާމް ހުސައިން ރަޝީދު އިސް ނަގައިގެން ފާއިތުވި އަހަރުގެ މެއި މަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 64 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ބައިސްކަލް ހާސިލް ކޮށްފައި ވަނީ 38 ދަރިވަރުންނެވެ.
މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް ބައިސްކަލް ހަވާލުކޮށްފައިވަނީ ރޭ އިޝާ ނަމާދަށްފަހު މަސްޖިދުއް ތަޢާވުންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ހަދިޔާކުރި ބައިސްކަލް ތަކަކީ ހެޔޮ އެދޭފަރާތްތަކުގެ އެހީތެރިކަމާއިއެކު ހޯދާފައިވާ ބައިސްކަލް ތަކެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ ކުދިން ނަމާދަށް ޝައުގުވެރި ކުރުވަން ނުވަތަ މިފަދަ އެހެން ޕްރޮގްރާމެއް ހިންގަން ބޭނުން ވެއްޖެނަމަ ކައުންސިލުން އެ ފަރާތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، މިފަދަ ޕްރޮގްރާމެއް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވީތީ ތަޢާވުން މިސްކިތުގެ އިމާމް، ހުސައިން ރަޝީދަށް ކައުންސިލް ނަމުގައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
ޖަމާއަތުގައި ފަތިސް ނަމާދަށް އައުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ކުދިންނަށްނަށް ނަމާދުކުރަން ދަސްކޮށްދިނުމުގެ އިތުރުން ދީނީ މަޢުލޫމާތު ދިނުންވެސް ކުރިޔަށް ގެންދިޔައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!