ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި ނެދަލެންޑްސް އިން ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް ތިނެއްގައި ރޭ ޖަރުމަނުން ވަނީ އަމިއްލަ ގައުމުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހަންގޭރީ ބަލިކޮށްފައެވެ.

Ad
rt

މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ވަނި ފެނިގެން ގޮސްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ފުލްކްރޫގް އެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއިންނެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމްގެ ދެވަނަ ލަނޑު 57 ވަނަ މިނެޓުގައި ވިޓްޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުސީއާލާއެވެ. ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ވިޓްޒްއެވެ.

މެޗުގެ ހަތަރު ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޕަލްވިޗް ޖެހިއިރު، އެ ލަނޑު ޖަހަން ވެސް އެސިސްޓް ކޮށްދިނީ މުސިއާލާއއެވެ. އެ ޓީމްގެ ފަހު ލަނޑު 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކައި ހަވާޓްޒް އެވެ.

ރޭ މި ގްރޫޕްގައި ނެދަލެންޑްސް އިން ވަނީ 5-2 ގެ ނަތީޖާއިން ބޮސްނިއާ ބަލިކޮށްފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނެދަލެންޑްސް އެވެ. 13 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޒާކްޒީއެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޑެމްރޮވިޗް ވަނީ ބޮސްނިއާ އަށް ލަނޑުޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ފަހަރަށް ނެދަލެންޑްސް އަށް ލީޑު ލިބުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޒާކްޒީ ތަނަވަސް ކޮށްދިން ފުރުސަތުގައި ރެންޑާސް ޖެހި ލަނޑުންނެވެ.

ނެދަލެންޑްސްގެ ތިންވަނަ ލަނޑު 56 ވަނަ މިނެޓުގައި ގަކްޕޯ ޖަހައިދިންއިރު، ހަތަރުވަނަ ލަނޑު 88 ވަނަ މިނެޓުގައި ޖަހައިދިނީ ވެގްހޯސްޓެވެ. އެ ޓީމްގެ ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ޒަވީ ސިމޮންސް އެވެ. ބޮސްނިއާގެ ދެވަނަ ލަނޑު ޖެހީ ޒެކޯއެވެ.