ކުރިނބީގައި މިދިޔަ ހުކުރުދުވަހު އަލަށް ހުޅުވިގެން ދިޔަ އިޚުލާސް ޤުރުއާން ކުލާހުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް މިވަނީ ވަރަށް ބޮޑު އުންމީދެއް އާވެގެން ގޮސްފައެވެ. ކުރިނބީގައިި ޤުރުއާން ކުލާހެއް ހުޅުވިގެން ދިއުމަށް އެރަށު ރައްޔިތުން ކުރަމުން ދިޔަ އުންމީދުތަކަށް މިވަނީ ނިމުނެއް އައިސްފައެވެ.

މިކަމުގެ އިންތިޒާރުގައި ތިބި ބެލެނިވެރިން އަދި ހާއްސަކޮށް ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރުމުގެ ފަހި ފުރުޞަތު ތަކެއް މިވަނީ ހުޅުވިފައެވެ. އަދި މިކަމުގެ ސަބަބުން ކީރިތި ޤުރުއާނުގެ ޢިލްމު ކުރިނބީގައި ކުރިއެރުވުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެރަށުގެ ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެއެވެ.
ބައެއް ބެލެނިވެރިން ފާހަގަ ކުރިގޮތުން މީ ރަށަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން މުސްތަޤުބަލުގައި ޤުރުއާން މުބާރާތްތަކުން ކުރިނބީގެ ދަރިވަރުންނަށް ކާމިޔާބު ލިބިގެންދާނެކަމަށް ޤަބޫލުކުރެއެވެ.

ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއް ގުރުއާނުގެ އިލްމު ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އިޚުލާސް ޤުރުއާން ކުލާހުން މިހާރުވެސް ކުޅުދުއްފުށީގެ އިތުރުން ހދ. ނޮޅިވަރަންގައި ވެސް އިޚުލާސް ޤުރުއާން ކުލާހުގެ ގޮފިތައް ދަނީ ހިންގަމުންނެވެ. ހުރެއެވެ. އަދި އަތޮޅުގެ ބައެއް ރަށްތަކުގައި އިޚުލާސް ޤުރުއާން ކުލާހުން ކޯސްތައް ހިންގަމުން ދެއެވެ.

އިޚުލާސް ޤުރުއާން ކުލާހުގެ 3 ވަނަ ގޮފި ހދ. ކުރިނބީގައި ހުޅުވުމަށް މިދިޔަ ހުކުރު ދުވަހު ކުރިނބީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވާ، ޤުރާއާން ކުލާސް ހުޅުއްވައިދެއްވީ ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް އަލީ އެވެ. މި ރަސްމިއްޔާތުގައި ކުރިނބީގެ ސަރުކާރު މުއައްސަސާތަކުގެ ވެރިންނާއި އިޚުލާސް ޤުރުއާން ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.

މި ޤުރުއާން ކުލާސް ކުރިނބީ ރައްޔިތުންނަށް މުހިންމުވަނީ މިއީ ކުރިނބީގައި މިގޮތަށް ހުޅުވުނު ފުރަތަމަ ޤުރުއާން ކުލާސްކަމުގައި ވާތީއެވެ. އަދި މި ޤުރުއާން ކުލާހަކީ ރަނގަޅު ފެންވަރަކަށް ހަދާފައިވާ، މަލްޓިމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ޒަމާނާއި އެކަށީގެންވާ ގޮތަކަށް ތައްޔާރުކުރެވިފައިވާ ކުލާހެކެވެ.

އިޚުލާސް ޤުރުއާން ކުލާހުގައި އުމުރުން ދެ އަހަރުންފެށިގެން މަރުޙަލާ ކުލާސްތަކުގެ ގޮތުގައި، 11 މަރުޙަލާ ކުލާސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑެތި މީހުންގެ ކުލާސްތަކާއި ޤާރީ ކޯސް ލެވެލް 1 އިން ފެށިގެން ޑިޕްލޮމާއާއި ހަމައަށް މި ކުލާހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ޢަރަބި ބަސް ކިޔަވައިދޭ ކޯސްތައް މި ކުލާހުގައި ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ދީފައިވެއެވެ. މިހާރުވެސް 150 އަށްވުރެ ގިނަ ދަރިވަރުންނާއި ބެލެނިވެރިން ޤާރީ ކޯސްތަކުގަޔާއި މަރުޙަލާ ކުލާސްތަކުގައި އެންރޯލުވެފައި ވާކަމަށް ކުރިނބި އިޚުލާސް ޤުރުއާން ކުލާހުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!