ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް މިގޮތަށް ނިންމަވާފައި ވަނީ، އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މާލީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
މިގޮތުން ފެނަކައިގެ ސައްތައިންސައްތަ ހިއްސާ، އެސް.ޓީ.އޯ އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސް މި ނިންމެވުން ނިންމަވާފައި ވަނީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށެވެ.
މި ނިންމެވި ބަދަލު ގެނައުމަށްޓަކައި، އެސް.ޓީ.އޯ. ގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސް.ޓީ.އޯ. އަށް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. ނަމަވެސް މިކަން ކުރާއިރު ބަލާނީ ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ކަމަށް ރައީސް އޮފީހުން ބުނެފަވެއެވެ.
މި މަރުހަލާ ކުރިއަށް ގެންދިއުމަށް މާލީ ވުޒާރާއާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށް ވެސް ވަނީ ނިންމަވާފައެވެ.
މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި، މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދަވައި، މި އަހަރުގެ ނިޔަލަށް، އެސް.ޓީ.އޯ. ގެ ސައްތައިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!