ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް ހެދުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެއީ ސަރުކާރާ އެކު ކުރި މަޝްވަރާތަކާއި ދިން ލަފަޔާ ޚިލާފު ނިންމުމެއް ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ޑޮލަރު ލިމިޓްކުރަން ބީއެމްއެލް އިން ނިންމި ނިންމުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

Ad
rt

"ސީދާ ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބަލަމުން އައި ކަމެއް. ކާޑުގެ ލިމިޓޭޝަން ގެނައި އިރު އެންމެ އެކަށީގެންވާ ގޮތަކަށް ނޫން އެކަން ކުރެވިގެން ދިޔައީ. ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން އެބަތިބި. ޑޮލަރުން މުއާމަލާތް ކުރާ ކުދި ވިޔަފާރިތައް އެބަހުރި. ސީދާ ރައީސުލްޖުމްހޫރިއްޔާ ބީއެމްއެލްއާ ވާހަކަ ދެއްކެވި. އަޅުގަނޑާ ވެސް ވާހަކަ ދެއްކެވި. ފިނޭންސް މިނިސްޓަރު ވެސް ވާހަކަފުޅު ދައްކަވާފައި ވަނީ."

އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އިޤްތިޞާދީ ވަޒީރު ވިދާޅުވީ، ބީއެމްއެލް އިން ޑޮލަރު ލިމިޓްކުރުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ އާ އެކު ބައްދަލުކުރެއްވި ކަމަށެވެ.

މިކަމަށް އަލިއަޅުވާލާ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށާއި ސަރުކާރުން އަނެއްކާ ވެސް ބީއެމްއެލްއާ މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރުން އެހެންވީމާ ސަރުކާރުގެ އިންޓްރެސްޓުތައް އެބަހުރި ބޭންކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި މި ހުރިހާ ކަމެއް ވެސް،"

ޒަމީރު ވިދާޅުވިއެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅޭ ގޮތުން އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ކާޑު ލިމިޓަށް ގެނައި ބަދަލު މިއަދު ވަނީ އުވާލާފައެވެ. ބީއެމްއެލް ގެ ޑިރެކްޓަރުންގެ ބޯޑުން ފާއިތުވި ހަފުތާގައި ނިންމި ނިންމުމާ އެއްގޮތަށް، އެ ބޭންކުން ވަނީ ޕްރައިމަރީ އެކައުންޓެއްގެ ގޮތުގައި ރުފިޔާ އެކައުންޓު ބޭނުންކުރާ ކާޑުތަކަށް މިއަދުން ފެށިގެން ޑޮލަރު ނުދިނުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

ބޭންކުން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިރުޝާދުގެ ދަށުން އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށް ބަޔާންކޮށްފައެވެ. މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.