ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުޅުމާލެއިން ތިން މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް ބައްލަވައިގެންފި އެވެ.

ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.

Ad
rt

ސިވިލް ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް އެއްކޮށް ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.

އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

އެ ފްލެޓެއްގެ މުއާމަލާތް ނިންމުމުގައި ކޯޓުން ހުކުމްކުރާއިރު އެ ފްލެޓްގެ އަގު ހިމަނާފައޮވެއެވެ. އެގޮތައް ހިމަނާފައި އޮތް ނަމަވެސް ކޯޓުގެ މަރުހަލާއަށް ފްލެޓްގެ މިލްކުވެރިކަން ނިންމަން ދާނީ އެ ފްލެޓް ގަތް ފަރާތުން، ފްލެޓް ވިއްކާ ފަރާތަށް ދޭންޖެހޭ ފައިސާ ދިނުމަށް އެއްބަސްވާ ގޮތެއްގެ މަތިން ދީ ނިމުމުންނެވެ. އާންމުކޮށް މި މަރުހަލާއަށް ދަނީ ޕްރައިވެޓް ޕާޓީތަކުން ވިއްކާ ފްލެޓްތައް ގަތުމަށް ނަގާފައިވާ ލޯނު ޚަލާސްވުމުންނެވެ. ނުވަތަ އެއްބަސްވެފައިވާ ގޮތައް ބައިބަޔަށް ބަހާލައިގެން ނުވަތަ އެއްކޮށް ފްލެޓްގެ އަގު ދެއްކުމުންނެވެ.

ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޒިފްލީނާ ވެސް ދާދިފަހުން ވަނީ ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފަ އެވެ.