ސިހުރު ހެދިކަމުގެ ތުހުމަތުކޮށް, ނ. މަނަދޫގައި މިދިޔަ އަހަރު މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު އެ ދައުވާއަށް އިންކާރުކޮށްފި އެވެ.

ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ތިން މީހުންގެ މައްޗަށް ދައުވާ އިއްވުމުން އަޒުހަމާއި ފަވާޒް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ރިފާސް ބުނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.

މީގެ ތެރެއިން އަޒުހަމަކީ ތަހުގީގުގައި ކުށަށް އެއްބަސްވި މީހެކެވެ.

ދެން އޮންނާނީ ހެކި ހުށަހެޅުމެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.

ނައީމާ މަރާލީ އޭނާއަކީ ސިހުރު ހަދާ މީހެއް ކަމަށް ތުހުމަތުކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އޭނާއަކީ އެފަދަ ކަމެއް ކުރާ މީހެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ