ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން "ޗާލު ހާދާލު" ނަމުގައި ބޭއްވި ފޮޓޯ މުބާރާތުން އެއްވަނަ ކުޅުދުއްފުށީ ޢަބީރު، ނަވާޒު އަސްޢަދު ހޯދައިފިއެވެ.
މި މުބާރާތުގެ ދެވަނަ ހޯދީ ކުޅުދުއްފުށީ ނަޖަފް، ޖަޢުފަރު ޢަލީ އެވެ. އަދި 3 ވަނަ ހާސިލުކުރީ ކުޅުދުއްފުށީ ނީލްވިލާ މުޙައްމަދު މިހާޒެވެ. މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 2500 (ދެހާސްފަސްސަތޭކަ) ރުފިޔާ، ދެވަނަ ހޯދާ ފަރާތަށް 1500 (ފަނަރަސަތޭކަ) ރުފިޔާ އަދި ތިންވަނަ ހޯދާ ފަރާތަށް 1000 (އެއްހާސް) ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ހދ.އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެންނެވެ. މުބާރާތަށް ފޮޓޯ ހުށަހެޅުމަށް އަތޮޅު ކައުންސިލުން ތިން ކެޓަގަރީއެއް ހުޅުވާލިއެވެ. އެ ކެޓަގަރީތަކަކީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން، ހދ.އަތޮޅުގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާއި ނުރައްކާ އަދި ހދ.އަތޮޅުގެ ޤުދުރަތީ ދިރުންތައް، މިއެވެ.
މި މުބާރާތް ބޭއްވި މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހދ.އަތޮޅުގެ ގުދުރަތީ ރީތިކަން ހާމަކުރުމާއި، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ވެށީގެ ހާލަތު ފޮޓޯގެ ޒަރީއާއިން ބަޔާންކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!