ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަޝްރޫޢުއެއް ހިންގަން ދިވެހި ސަރުކާރާއި އެމެރިކާގެ ބައިނަލްއަޤްވާމީ ތަރައްޤީއަށް މަސައްކަތްކުރާ އިދާރާ (ޔޫ.އެސް.އޭ.އައި.ޑީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މިއަދު ބުނީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކަށް މަގުފަހިކުރުމަށްޓަކައި، ޔޫ.އެސް.އޭ.އައި.ޑީ އާއިއެކު، ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.
އަންގާރަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ފަށަން ނިންމާފައިވާ މަޝްރޫޢުގެ ނަމަކީ، "ސައުތު އޭޝިއާ ރީޖަނަލް އެނަރޖީ ޕާޓްނަރޝިޕް" (ސާރެޕް) އެވެ. މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގައި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަން ނިންމާފައިވާއިރު، މި މަޝްރޫޢަކީ ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި ހަކަތަ ބޭނުންކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށް ބާރުއަޅައި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް މަގުފަހިކުރެވޭނެކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ބުނެފައެެވެ.
''މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވޭ'' ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ސަރެޕްގެ އަމާޒަކީ އަގުހެޔޮ، އިތުބާރު ހުރި، އަދި ދެމެހެއްޓެނިވި ހަކަތަ ލިބުން ރަނގަޅުކުރުމުގައި އިސްކަންދޭ ކަންކަމާއި އަމާޒުތަކަށް އެހީތެރިވުމާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި އެންމެ ރަނގަޅު އުސޫލުތަކާއި ލިބިފައިވާ ފިލާވަޅުތައް ހިއްސާކުރުމެވެ. ސަރެޕްގެ އިންޓަރވެންޝަންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ރީޖަނަލް އެނާޖީ މާކެޓް އިންޓަގްރޭޝަން، އެޑްވާންސްޑް އެނާޖީ ސޮލިއުޝަންސް އެންޑް ސިސްޓަމްސް، ޔުޓިލިޓީ މޮޑަނައިޒޭޝަން، އިންވެސްޓްމަންޓް މޮބިލައިޒޭޝަން، އަދި ބެސްޓް ވެލިއު ޕްރޮކިއުމަންޓަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!