ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން އުސޫލެއް ހަމަޖައްސާފައިވާއިރު، ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅައިފިއެވެ.
މާލޭސިޓީގެ ކައުންސިލަރުން ހުވާކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން ތަނަވަސްކޮށްދީފައިވާ ފުރުސަތުގެ ދަށުން މިހާތަނަށް ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ.
މިކަމަށް މިހާތަނަށް ޕްރޮޕޯސަލް ހުށަހަޅާފައިވަ ކައުންސިލްތަކަކީ، ރ. އަތޮޅު އިނގުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކުޑަހުވަދޫ ކައުންސިލާއި، މ.އަތޮޅު ކައުންސިލް އަދި ލ.އަތޮޅު މާވަށު ކައުންސިލް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށައަޅުއްވައިފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ސިޓީސް މިނިސްޓްރީން ވަރަށް އަވަހަށް ނިންމެވުމަށް ފަހު ރައީސް މުޢިއްޒުގެ އަރިހަށް ފޮނުއްވެވޭނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ރައްޔިތުންގެ ފައިދާ އާއި މަންފާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން ހަމަޖެއްސެވީ 18 ޖެނުއަރީ 2024 ގައެވެ. މިގޮތުން އެ ދުވަހު ގެޒެޓްކުރެއްވި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ މަސައްކަތްތައް ފިޔަވައި އެހެން ބޭނުންތަކަށް ފަޅު ރަށްތައް ދޫކުރުމާ ބެހޭ ގަވައިދުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގެ އިހްތިސާސްގައި ނުހިމެނޭ ފަޅު ރަށްތަކުގެ ތެރެއިން ގަވައިދުގެ ދަށުން ދޫކުރާނެ ފަޅުރަށްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، ޕްރޮޕޯސަލް ހުށައެޅުމުން، ވަޒަންކުރުމަށްފަހުގައެވެ. މިކަމުގައި އިސް ރޯލެއް އަދާކުރާނީ ކައުންސިލްތަކާއ ސިޓީތަކާ ބެހޭ މިނިސްޓްރީންނެވެ. ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެއެވެ. އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެއެވެ.
ކައުންސިލްތަކަށް ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތް ހަދަނީ
ކައުންސިލްތަކަށް ރަށްތައް ދޫކުރެވޭނީ، ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް، ތިރީގައިވާ ބޭނުންތަކަށެވެ.
- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
- ތަކެތި ގުދަންކުރުން
- ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
- ދޫނި ގެންގުޅުން
- މަސްކައްކައި ހިއްކުން
- ލޮނުމަހުގެ މަސައްކަތް ކުރުން
- ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
- އެކުއަކަލްޗަރގެ މަސައްކަތް ކުރުން
- ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
- ދިރޭމަސް ގެންގުޅުން
- އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
- ފައިބަރުގެ މަސައްކަތް ކުރުން
- ވަޑާމުގެ މަސައްކަތް ކުރުން
- ވާރކްޝޮޕް ހެދުން
- އެޅިގަލުގެ މަސައްކަތް ކުރުން
- ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
- ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން
ކައުންސިލަކުން ފަޅު ރަށެއް ހޯދުމަށް ހުށަހަޅާ ތަފްސީލު ރިޕޯޓުގައި ކުއްޔާބެހޭ ބައި ނުހިމަނާ ހުށަހެޅިދާނެއެވެ. އަދި މިގޮތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން ދޫކުރެވޭ ފަޅުރަށް ކުއްޔަކާ ނުލައި ދޫކުރެވިދާނެއެވެ. ކައުންސިލްތަކުން ރަށެއް ހޯދުމަށް ހުށަހެޅޭނީ، އެ ކައުންސިލެއް ނިސްބަތްވާ އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށަކަށެވެ. ނަމަވެސް އެ އަތޮޅުގައި ރަށެއް ނެތް ނަމަ، އެހެން އަތޮޅަކަށް ނިސްބަތްވާ ރަށެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މި ދެ ހާލަތުގައިވެސް، އެ އިދާރީ ދާއިރާގެ އަތޮޅު ކައުންސިލުގެ ހުއްދަ، ލިޔުމުން ހޯދަންޖެހޭނެއެވެ.
ކައުންސިލްތަކުން ތަފްސީލު ރިޕޯޓު ހުށަހަޅާއިރު، އެއް ކައުންސިލަކަށްވުރެ ގިނަ ކައުންސިލަކުން ގުޅިފައިވާ ހުށަހެޅުމެއްގެ ތެރެއިންވެސް ރަށެއް ހޯދޭނެއެވެ. ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ، 10 އަހަރުދުވަހުގެ މުއްދަތަށެވެ. ކައުންސިލަކަށް ދޫކޮށްފައިވާ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަންޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!