ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ލިބޭގޮތަށް ސަރުކާރުން ހަމަޖެއްސުމަކީ ކައުންސިލްތަކަށް ލިބިގެންދާ ރަނުގެ ވަރަށްބޮޑު ފުރުޞަތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު (ތ. އަތޮޅު) އަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އިޤްތިޞާދީ ގޮތުން ބަލާއިރުގައި، އަމިއްލަ ފަރުދުންނާއި، ކުދިކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ވަރުގަދަކޮށްދިނުމުގެ ފުރުޞަތު ދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އެޖެންޑާއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަން ކުރެވޭނީ، ރަށެއްގައި ނަމަ ކައުންސިލަށް ވެސް އެ ފުރުޞަތު ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ފުރިހަމަ ބާރު ދިނުން ކަމަށާއި، އެކަމަށް ޚާއްޞަ ވުޒާރާއެއް އުފައްދައި، އެ ވުޒާރާއަށް ވަޒީރެއް ކަނޑައަޅައި، އޭގެއިތުރަށް، މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، ވަޒީރުންގެ މަޖިލީހުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާތައް ހިންގުމާއެކު ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނެ ވަރަށްބޮޑު ވަރަށްފަހި، ފުޅާ ފުރުޞަތެއް ހުޅުވައިދީފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލްތަކަށް ލިބޭ ގޮތަށް ހަދައިފި

''އެކަމަށް ޚާއްޞަ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ގެޒެޓް ކުރެވި، މި މަސްތެރޭގައި އޭގެ ދަށުން، އެ ގަވާއިދުގެ ތެރެއިން ކައުންސިލްތަކަށް، ކައުންސިލްގެ އިޙްތިޞާޞް ތެރޭގައި ހުރި ރަށްރަށާއި، އަދި އިޙްތިޞާޞްގެ ތެރޭގައި ރަށެއް ނެތިއްޔާ، ދުރުގައި އޮތް އެހެން އަތޮޅެއް، ނޫނީވިއްޔާ ދާއިރާއަކުންވެސް، އެ ދާއިރާއެއްގެ ރައްޔިތުންގެ އެއްބާރުލުން ލިބެންޏާ، ރަށްރަށް ހޯދައިގެން، އިޤްތިޞާދީ އެތައް ކަމެއް ކުރެވޭނެ މަގު އެއޮތީ އަޅުގަނޑުމެން ފަހިކޮށްދީފައި.'' ރައީސް ވިދާޅުވިއެވެ.

އެކަމަކީ ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކައުންސިލް ބާރުވެރިކޮށް، އިޤްތިޞާދީ ފުރުޞަތު ދިނުމުން އެކަމުން އެ ރަށެއްގެ ރައްޔިތުންނަށް ކުދި ވިޔަފާރިތަކާއި، މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންނަށް އެ ލިބެނީ އާމްދަނީ ހޯދޭނެ ފުރުޞަތުތައް ކަމަށެވެ.

''އެހެންވީމާ، އެއީ، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ލިބޭ ރަނުގެ ފުރުޞަތެއް. މިހާރު އެ ގަވާއިދު އެއޮތީ އަޅުގަނޑުމެން ގެޒެޓް ކޮށްފައި. އެއްމަސްވާ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ. އެހެންވީމާ، އެހާތަނަށް ދާއިރުގައި، އެ ގަވާއިދުގެ ތެރެއިން، ރަށްރަށް ހޯދަން އެޕްލައި ކުރެވޭނެ ގޮތް ފަހިވެގެންދާނެ.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހުރިހާ ކައުންސިލްތަކުން ވެސް އެ ކައުންސިލެއްގެ އިޙްތިޞާޞް ތެރޭގައި ހިމެނުނަސް، ނުވަތަ ހިމެނިފައި ނެތް، ތަންކޮޅެއް ދުރުގައި އޮތް ރަށެއްވިޔަސް ހޯދުމަށް އެކަމަށް ހާއްސަކުރެވޭ އެޕްލިކޭޝަންގެ ތެރެއިން ޕްރޮޕޯޒަލް ހަޅައި، ސަރުކާރުން އެ ރަށް ހޯދުމުގެ ފުރުޞަތު ލިބިގަތުމަށްޓަކައި ކައުންސިލްތަކުން އަވަހަށް ތައްޔާރުވުމަށް އެދިވަޑައިގެންފައެވެ.

އޭރުން ކައުންސިލް މެދުވެރިވެގެން ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ރަށުގެ ރައްޔިތުންގެ ކުންފުނިތައް ވެސް ބައިވެރިކޮށްގެން ރަށަށާއި، އަމިއްލަ ފަރުދުންނަށް މުއްސަނދިކަން ހޯދޭނެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

''އެހެންވީމާ، އެއީ، ވަކި މި ރަށަށް ޚާއްޞައެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އޮތް ރަނުގެ ވަރަށްބޮޑު ފުރުޞަތެއް. އެކަން އޭގެ ފުރިހަމަ މިނުގައި، އެންމެ ފުޅާމިނުގައި ބޭނުންހިފަން އަޅުގަނޑު ހުރިހާ ރަށެއްގެ ކައުންސިލަރުންނަށް، ކައުންސިލްތަކަށް، އަދި ރައްޔިތުންނަށް، ވިޔަފާރިކުރާ ފަރާތްތަކަށް ދަންނަވަން. އެކަމަށް ހިތްވަރުދެން.'' ރައީސް ވިދާޅުވިއެވެ.