ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް މުޙައްމަދު ނިމާލް މިއަދު އައްޔަނުކޮށްފިއެވެ.

ނިމާލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އެ ސަރުކާރުގައި ފަހުން އޭނާ ހުންނެވީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރަކަށެވެ.

Ad
rt

މީގެ އިތުރުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފަވެއެވެ.

އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައިވާ ނިމާލު ވަނީ އެންމެ ފަހުން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2021ގައި މާލެ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރަށްވާ އެ ގޮނޑި ކާމިޔާބު ކުރަށްވާފައެވެ. ނަމަވެސް އައު ސަރުކާރު ފެށުމާއެކުގެން އޭނާ ވަނީ 24 ޑިސެމްބަރު 23 ގައި އެ މަޤާމުން އިސްތިއުފާދެއްވާފައެވެ.

ނިމާލު އެލްޖީއޭގެ ސީއީއޯގެ މަގާމަށް ހަމަޖެއްސިއިރު، ކުރިން އެ މަގާމު ފުރުއްވީ ޑރ. މަރިޔަމް ޒުލްފާ އެވެ. ޒުލްފާ މިހާރު ވަނީ ޚާރިޖީ ވުޒާރާގެ ސްޓޭޓް ވަޒީރުކަމަށް ހަމައްސާފައެވެ. އެލްޖީއޭގެ އިސްވެރިއަކަށް ޒުލްފާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް ނިމާލް އިސްތިއުފާ ދެއްވައިފި

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ޢައްޔަނުކުރަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

އެލްޖީއޭ އަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

އެލްޖީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުމާއި، އެ ޤާނޫނުގައި އެލްޖީއޭއިން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުމާއި އަދި ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުންފަދަ މަސްއޫލިއްޔަތުތައް ހިމެނެއެވެ.