ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ހުތުބާއެއް ދެއްވުމަށް ދައުވަތު ދެއްވައިފި އެވެ.
ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނީ ރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު، ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ ރާއްޖެ ވަޑައިގެން ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ހުތުބާއެއް ދެއްވުމަށް ދަޢުވަތު ދެއްވާފައިވާކަމަށް އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޝަހީމް މިވަގުތު ހުންނެވީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ސައޫދީގައެވެ. ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު މުސްތަފާ ނަޖުމުއާ، ޝަހީމް ބައްދަލުކުރަށްވާފައި ވަނީ މި ދަތުރުފުގެ ތެރެއިންނެވެ.
ޝަހީމް ވަނީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ވެސް ބަލަހައްޓަވާފައެވެ. މި ސެޝަންގެ ޝިޢާރަކީ 'މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' އެވެ.
ސައުދީއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!