ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން އިއުލާންކޮށްފިއެވެ.
އެމްޕީއެލްއިން ބުދަ ދުވަހުކުރި އިއުލާނުގައި ބުނީ އުލިގަމުގައި މެރިނާ ޕްރޮޖެކްޓުގެ މަގުސަދަކީ ޒަމާނީ އުޅަނދު ބަނދަރުކުރުމާއި މެރީނާގައި ތިބެގެން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި އެއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިގްތިސޯދީ ކުރިއެރުވުން ކަމަށް ބުންޏެވެ.
މީގެ އިތުރުން އުލިގަމު މެރީނާ ޕްރޮޖެކްޓުގެ މަގްސަދަކީ ރާއްޖެއަކީ ޔޮޓްތަކަށް ޕްރިމިއަމް ޑެސްޓިނޭޝަނަކަށް ހެދުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އިއުލާނުގައި ބުނީ އުލިގަމުގައި ޔޮޓް މެރިނާއެއް ހަދާ ފަރާތުން އެ ތަނުގައި ކްރޫޒް ޓާމިނަލެއް، ވެސަލް ޑޮކިން ފެސިލިޓީ، އުލިގަން ޕޯޓް ފެސިލިޓީ، ސިޓީ ހޮޓަލެއް އަދި ކެފޭތަކާއި ރެސްޓޯރެންޓުތައް ވެސް ތަރައްގީކުރަން ޖެހޭނެ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން business@port.mv މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހަޅަންޖެހެއެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެމްޕީއެލުން ވަނީ އެ ރަށު ކައުންސިލާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އުލިގަމުގައި ޔޮޓް މެރިނާއެއް ތަރައްގީކުރުމުގެ އިތުރުން، ޔޮޓްތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!