ސްޕެއިންގެ ރެއާލް މެޑްރިޑަކީ ކޯޗް ކޮށްދޭނެ އެންމެ ފަހު ކުލަބު ކަމުގައި، އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ރެއާލަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ޓީމްކަމަށް މިދިޔަ އަހަރު ވެސް އޭނާ ބުންޏެވެ. މި އަހަރު މެދުތެރޭ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮއްވައި، ރެއާލުގެ އެއްބަސްވުން ހަމަވުމުން ބްރެޒިލްގެ ކޯޗުކަމާއި އޭނާ ހަވާލުވާން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރުނެވެ. ބްރެޒިލުން ބޭނުންވި ނަމަވެސް އަންޗެލޮޓީ ވަނީ އެ ޕްރޮޖެކްޓާއި ދެކޮޅުހަދައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރެއާލުން އޭނާއަށް ހުށަހެޅި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. މިހާރު އޭނާ ރެއާލާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025/26 ސީޒަންގެ ނިޔަލަށެވެ.

Ad
rt

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ހުރެ މީޑިއާއާއި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ ހީވާގޮތުގައި ރެއާލަކީ އޭނާ ކޯޗުކޮށްދޭނެ ފަހު ކުލަބް ކަމަށެވެ.

ގައުމީ ޓީމެއްގެ ކޯޗުކަމާއި ހަވާލުވުމުގެ ޝައުގުވެރިކަން ނެތްކަން ހާމަކުރަމުން އޭނާ ބުނީ އޭނާ ބޮޑަށް ގަޔާވަނީ ކުލަބް ފުޓްބޯޅައަށް ކަމަށާއި، ސަބަބަކީ ކޮންމެ ދުވަހަކު ޓްރެއިނިން ކުރިއަށް ގެންދަން ފުރުސަތު ލިބުމާއި ކޮންމެ ދުވަހަކު ކުޅުންތެރިންނާއި ވާހަކަ ދައްކަން ފުރުސަތު ލިބުމުގެ އިތުރުން މެޗުތަކަށް ތައްޔާރުވާން ފުރުސަތު ލިބުމެވެ.

"މިއީ އަހަރެން ކޯޗިން ކެރިއާގައި 29 ވަނަ އަހަރު، ކޯޗެއްގެ ގޮތުގައި ފާއިތުވި އަހަރުތަކުގައި ގިނަ ތަށިތަކެއް ވަނީ ހޯދިފައި، އަދި ހަމަ ގިނަ ތަށިތަކެއް ކާމިޔާބު ނުކުރެވި ވެސް ވަނީ ގޮސްފައި" އުމުރުން 65 އަހަރުގެ އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ވަނީ ދެ ފަހަރެއްގެ މަތީން ރެއާލަށް ކޯޗުކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ރެއާލުގެ ކޯޗުކަމާއި އޭނާ ފުރަތަމަ ހަވާލުވީ 2013 ވަނަ އަހަރުއެވެ. އެފަހަރު އޭނާ ވަނީ 2013/14 ސީޒަންގެ ޗެމްޕިއަންސް ލީގާއި، އެ ސީޒަންގެ ކޮޕަ ޑެލް ރޭ ގެ އިތުރުން ޔުއެފާ ސްޕަ ކަމާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. 2021 ވަނަ އަހަރު އެވަޓަން ދޫކޮށް ރެއާލަށް ބަދަލުވެ ދެ ފަހަރެއްގެ މަތީން ލަލީގާގެ ޗެމްޕިއަންކަމާއި، ޗެމްޕިއަންސް ލީގާއި ކޮޕަ ޑެލް ރޭގެ އިތުރުން ޔުއެފާ ސްޕަކަޕާއި ކްލަބް ވޯލްޑް ކަޕް ވަނީ ކާމިޔާބު ކޮށްފައެވެ.