ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މިރޭ މާރާމާރީ ހިންގާފައިވާ މައްސަަލައެއް އެ އިދާރާއެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މިކަން ހިނގާފައި ވަނީ މިރޭ އަށެއް ޖަހާކަށް ހާއިރުއެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެ އޭނާ އަށް އަންނަނީ ހަނިމާދޫ ސިއްހީމަރުކަޒުގައި ފަރުވާދެމުންނެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ''ތިލަދުން'' އަށް ވިދާޅުވީ، އެ މަރުކަޒަށް ގެނައި ބިދޭސީ މަސައްކަތުގެ މީހާގެ ކަންފަތް ކައިރި ހަލާކުވެފައިވާކަމަށާއި، ބޮޑު އަނިޔާއެއް ނުވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ އަށް ހަމަލާދީފައި ވަނީ މަރުތޭލަކުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގައި ހާހެއްހާ ބިދޭސީން އުޅެއެވެ. އެއީ އިންޑިއާ މީހުންނެވެ.

މި މަޝްރޫޢުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މިފަދަ ހަމަނުޖެހުން ކުރިން ވެސް ހިނގާފަވެއެވެ.

މި މަޝްރޫޢު ދިވެހި ސަރުކާރުން ހަވާލު ކޮށްފައި ވަނީ، ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ އެކި ޕްރޮޖެކްޓްތައް މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.