ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފިއެވެ.

މި މުބާރާތު ގުރުއަތުލުން ބާއްވާފައިވަނީ އޮގަސްޓް އެއްވަނަ ދުވަހު ސިޓީ ކައުންސިލްގައެވެ. ގުރު ނަންގަވައިދެއްވީ ކުޅުދުއްފުށީ ފުޓްބޯޅަ ދެ ލެޖެންޑްކަމުގައިވާ ސަމީރު ޔޫސުފާއި އަހުމަދު މޫސާއެވެ.

Ad
rt

މި އަހަރުގެ މުބާރާތުގައި އަށް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކުގެ ތެރޭގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި، އެންމެ ފަހުގެ ރަނަރަޕް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހިމެނެއެވެ. މީގެއިތުރުން ކުޅުދުއްފުށީ ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީގައި ހިންގާ މާއްޓޭ އެކަޑަމީގެ ޓީމެއް ހިމެނެއެވެ. މި މުބާރާތުގައި އަލަށް ވާދަކުރާ ޓީމްތަކުގެ ތެރޭގައި ނޭކުރެންދޫ ކުލަބް ސެނޮން، ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސް، މަންތާ ސްޕޯޓްސް އެކަޑަމީގެ އިތުރުން ނޮޅިވަރަމް ކުލަބް ތިލަދުންމަތި ހިމެނެއެވެ.

ޓީމްތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ހިމެނެނީ ކުލަބް ކޮރަލްސް، ކުލަބް ސެނޮން، މަންތާ ސްޕޯޓްސް އެކަޑަމީގެ އިތުރުން ކުލަބް ޑޮމިނޭޓާސްއެވެ. މުބާރާތް ހުޅުވާ މެޗުގައި މި މަހު ފަސްވަނަ ދުވަހު ވާދަކުރާނީ ކޮރަލްސްއާއި ސެނޮންއެވެ.

ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޒިގްޒެގް ފޯ ޔޫތުލިންކޭޒް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ، ކުލަބް ތިލަދުންމަތީގެ އިތުތުން މާއްޓޭ ސްޕޯޓްސް އެކަޑަމީއެވެ.

މުބާރާތް ރާވާލާފައިވަނީ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީން ޖާގަ ލިބޭ ގޮތަށެވެ. ދެ ގްރޫޕް ކްރޮސްކޮށް ސެމީ ކުޅުމަށްފަހު މޮޅުވާ ޓީމަށް ފައިނަލުން ޖާގަ ލިބޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކަށް އަމާޒު ކޮށްގެން 2022 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. 2023 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ އެޑިޝަން ބާއްވާފައިވާއިރު، އެ މުބާރާތުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 60000 (ފަސްދޮޅަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.

މި އަހަރު މުބާރާތުގެ ފައިސާގެ އިނާމް ވަނީ ފާއިތުވި ދެ މުބާރާތަށްވުރެ ބޮޑުކޮށްފައެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ގައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ގައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.