ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރެވޭނެ އުޞޫލެއް ތަޢާރަފްކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހަޤީޤީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނެއެވެ. އަދި ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު ވަނީ ވިދާޅުވެދެއްވާފައެވެ.

މިގޮތުން ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރެވޭނެ އުޞޫލެއް ތަޢާރަފްކުރައްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ޢާންމުކުރަމުންދާކަމުގައި ރައީސް ވިދާޅުވެފައިވާއިރު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ކުރިއަށް ގެންދާ އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ފަހިކޮށްދެއްވަމުންދާކަން ވެސް މިރޮނގުން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލަމުން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށް ވެސް ވިދާޅުވެފައެވެ.