ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އެއާބަސްތައް ބޭނުންކުރަން ފެށުމަށް އެއާބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ހޯދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަނުން މި އެއާކްރާފްޓް ހޯދަން އެއްބަސްވެފައިވަނީ ޓްރޫނޯޑް ކުންފުންޏާއެކުގައެވެ. ޓްރޫނޯޑް އަކީ ދުނިޔޭގެ އެކި އެއާލައިންތަކަށް އެއާ ކްރާފްޓުތައް ލީޒްކުރާ ކުންފުންޏެކެވެ.

Ad
rt

މޯލްޑިވިއަނުން ބުނި ގޮތުގައި މި އެއާބަސް ގެނައުމުން އެ އެއާލައިންގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރެވި، އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށޭނެއެވެ. އަދި ފަސިންޖަރުންނަށް މިހާރަށް ވުރެ ފުރިހަމަ ތަޖުރިބާއެއް މި އެއާކްރާފްޓުން ހޯދައިދެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ޓްރޫނޯޑްއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ މި އެއްބަސްވުމަކީ މޯލްޑިވިއަންގެ މަސައްކަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ. އަދި އެއާބަސް އޭ330 އާ އެކު އެ ކުންފުނީގެ އިންޓަނޭޝަނަލް ނެޓްވޯކް އިތުރަށް ފުޅާކޮށް، މި ސަރަހައްދުގެ ފަތުރުވެރިކަމާއި ވިޔަފާރިއަށް އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނަށް ބޮޑެތި އެއާކްރާފްޓުތައް ގެނެސް، އޮޕަރޭޝަންތައް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.