ހައްޖުގެ މަތިވެރި އަޅުކަމަށްފަހު އަންނަ ހައްޖާޖީން ބަލައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާއިރު ވީހާ ވެސް މަދުން މީހުން ދިޔުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

މިގޮތުން އެޗްޕީއޭއިން ވަނީ ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ބައެއް ކަންކަން ފާހަގަކޮށް، އެކަންކަމަށް ޢަމަލުކޮށްދިނުމަށް އެދި އިލްތިމާސްކޮށްފައެވެ.

Ad
rt

ހައްޖާޖީން ބަލައި އެއާޕޯޓަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި އެޗްޕީއޭއިން ފާހަގަކޮށްފައިވާ އެއްކަމަކީ، އެއާޕޯޓް، ޓެކްސީ، ބަސް އަދި ފެރީ ތެރޭގައި ވެސް ހުރިހާ އެންމެން ވެސް މާސްކު އެޅުމެވެ. އަދި ރޯގާޖެހި، ހުންއައިސް، ކެއްސާ އަދި ކިނބިހި އަޅާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، އެފަދަ ތަނަކަށް ދާންޖެހިއްޖެ ހާލަތެއްގައި ވެސް މާސްކު އަޅައިގެން ނޫނީ ނުދިޔުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ހައި ރިސްކް ފަރާތްތަކާ ގައިދުރުކުރުކަން ބެހެއްޓުމަށާއި، އަދި އެއްވެސް އަލާމާތެއް ހުރެ ގިނަ ދުވަސްވާނަމަ، ނުވަތަ ބޮޑުވަރުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ޖޫން މަހުގެ 23 ވަނަ ދުވަހު، ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ފަހުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އައިސްފައި ވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ދެވަނަ ފްލައިޓް ޖޫން 28 ގައި އައިސްފައިވާއިރު، މިއަދު ވެސް ހައްޖުވެރިންގެ ފްލެއިޓެއް އަންނާނެއެވެ. ފަހު ފްލައިޓް އަންނާނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ޖުމްލަ 1150 ދިވެހިން ދިޔައެވެ.