ޤުރުއާނާއި ބެހޭ މަރުކަޒުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މަހަކު ތިން ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ކުދިންނަށް އިނާޔަތެއް (ޕޮކެޓް މަނީއެއް) ސަރުކާރުން ބުނެފިއެވެ.

މިކަން އިއުލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފެއްޓެވުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

Ad
rt

ވަޒީރު ޝަހީމް ރޭ ވިދާޅުވިގޮތުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ޤުރުއާން ހިފްޒު ކުރަމުންދާ ދަރިވަރުންގެ ތެރެއިން މަހަކު 3 ފޮތަށްވުރެ ގިނައިން ހިތުދަސް ކުރާ ދަރިވަރުންނަަށް ޕޮކެޓު މަނީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސް ކުރާ ކުދިންނަށް ހާއްސަ ޕޮކެޓު މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ވަޒީރު ރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ޤުރުއާން ހިފްޒުކުރުމުގެ މަޝްރޫއުތައް ކުރިއަށްވުރެ ވަރުގަދަކޮށް ހިންގަވާނެކަމުގެ ޔަޤީންކަން ވެސް ވަޒީރު ޝަހީމް ރޭ ވަނީ ދެއްވާފައެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ފައްޓަވައިދެއްވީ ހޮނިހިރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފްއެވެ.

މިއަހަރުގެ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. އެއީ 52 ސިޓީ ސްކޫލުން 365 ބައިވެރިންނާއި އަތޮޅު ކައުންސިލުން 357 ބައިވެރިންނާއި އެހެނިހެން މުއައްސަސާތަކުން 292 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ވާދަކުރާ 15 ބައިވެރިންނެވެ.

މިއަހަރުގެ މުބާރާތް ހުޅުވާލައިފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ.