ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ޑިޕޯޓްކޮށްލަން ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގައި އިއްޔެ ވަނީ ދިވެހި ފުލުހުންނާއި ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފަ ކަމަށެވެ.
މި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޝަމްޢާން ވިދާޅުވިއެވެ.
''މި ފަރާތްތަކުގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ވަނީ ދެނެގަނެވިފަ. އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެއިން ޑީޕޯރޓްކޮށް ފޮނުވާލެވޭނެ.'' ސަމްޢާން ވިދާޅުވެފަވެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖޭގައި ޤަވާއިދާ ޚިލާފް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީ ހިނދު، އެ މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާ ކުރަމުން ދާނެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
ފުލުހުން ވެސް ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އެ އިދާރާއާއި، އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ފަށާފައިވާކަމަށް އިއްޔެ ބުނެފައެވެ. އަދި އެ އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ 50 ބިދޭސީން އިއްޔެ އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!