ބައެއް މުސްލިމުން ދީނާ ދުރަށް ދާން މެދުވެރިވާ ސަބަބަކީ ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ''އިސްލާމްދީނަކީ މެދުމިނުގެ ދީނެވެ.''
އިސްލާމްދީނަކީ މެދުމިނުގެ ދީންކަން ބަޔާންކޮށްދެމުން މިއަދުގެ ޚުޠުބާގައި ބުނެފައި ވަނީ މި ދީނަކީ އެންމެ ހެޔޮ، އެންމެ ޢަދުލުވެރި، ހޭދަކުރުމާއި އަޅުކަން ކުރުމުގައި ވެސް އެންމެ ލުއިފަސޭހަ ދީން ކަމަށެވެ.
ޚުޠުބާގައި ގެނެސްދީފައިވާ ދަރުސްތަކުގެ ތެރޭގައި ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ޞައްޙަ މަޢުލޫމާތު ނުލިބުމުގެ ސަބަބުންކަމަށް ބަޔާންކޮށްފަވެއެވެ. އަދި މިއަދަކީ، އިންޓަނެޓުގެ ޒަމާން ކަމަށާއި، އިންޓަނެޓުގައި ޢާންމުކުރާ ހުރިހައި ތަކެއްޗަކީ، ޞައްޙަ ތަކެތި ނޫންކަމަށް ބުނެދީފަވެއެވެ.
އެހެންކަމުން ޚާއްޞަކޮށް އިސްލާމްދީނާ މެދު ލިޔެފައި ހުންނަ ވާހަކަތަކަކީ، އިތުބާރު ހިފޭ މަޞްދަރުތަކަކުން ކަށަވަރުކުރެވޭ މަޢުލޫމާތުތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބުނެފަވެއެވެ.
''އިންޓަނެޓުގައި ބައެއް މަޢުލޫމާތު ގެނެސްދީފައި ހުންނަނީ، ދީނުގެ ޞައްޙަ މަފްހޫމުތައް މުޅީން އޮޅޭ ގޮތަށެވެ. އެ ފަދަ މަޢުލޫމާތު ގެނެސްދޭ ބަޔެއްގެ އަވައިގައި ޖެހުމުން، މީހުންގެ ޖާނާއި މާލަށް ގެއްލުންދޭން ޖެހިލުން ނުވާ ހިސާބަށް، ބައެއް މީހުންގެ ވިސްނުން ބަދަލުވެއެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.
ކީރިތި ޤުރްއާނުގެ އާޔަތެއްގެ ބޭރުފުށުގެ މާނައާއި، އޭގެ ޙަޤީޤަތާ މުޅީން ތަފާތުވެދާނެކަމަށް ބަޔާންކޮށް ޚުޠުބާގައި ވަނީ އަންނަނިވި އައްތައުބާ ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނަ ގެނެސްދީފައެވެ. އެއީ، "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި އެއުރެން އަތުލައިގަތުމަށް ޓަކައި، ހުޝިޔާރުވެ ފިލައި ތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފި ނަމަ، ދެން އެއުރެން މިނިވަންކަމާ އެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ."
ބައެއް ޖަމާޢަތްތަކުން މި އާޔަތުގެ މާނަ ބުނެދީފައި އޮންނަނީ، ކޮންމެ ޒަމާނެއްގައި ވެސް، ޙުރުމަތްތެރިވެގެންވާ މައްސަރުތައް ނިމުމާ އެކު، މުޝްރިކަކު ފެނުނު ކޮންމެ ތަނަކުން އެ މީހަކު ޤަތުލުކުރަން ޖެހޭނެކަން ދޭހަވާ ގޮތަށްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ނަމަވެސް އާޔަތުގައި އެ ވަނީ ހަނގުރާމައިގެ ޙާލަތުގައި ކަންކުރާން ޖެހޭ ގޮތްކަމާއި، އެ ނޫން ޙާލަތްތަކުގައި މުޝްރިކުންނާއި ކާފިރުންނަށް، މުސްލިމުންނާ އެކު، އަމާންކަން މަތީ ދިރިއުޅެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
''އެ މީހުންނާ މުޢާލަމާތްތައް ކުރެވޭނެއެވެ. އިސްލާމް ދީނުގައި، ޛިއްމީންނާއި، މުސްތައުމަނުންނާއި، މުޢާހަދުންނަށް، މުސްލިމުންނާ އެކު އަމާންކަންމަތީ ދިރިއުޅުމުގެ ޝަރުޢީ މިންގަނޑުތަކެއް ވެއެވެ. އިސްލާމީ ޤައުމުތަކުގައި މިއަދު ވެސް ޢަމަލުކުރަމުން އަންނަނީ އެ ގޮތަށެވެ.'' ޚުޠުބާގައި ބުނެފަވެއެވެ.
މިއަދުގެ ޚުޠުބާގައި ވަނީ އިސްލާމް ދީނަށް ބަދުބަސް ބުނެ، އެ ދީނަށް ފުރައްސާރަކުރުމަކީ، ސަމާސާ ކަމެއް ނޫންކަން ހަނދާން ކޮށްދީފައެވެ. އަދި الله سُبْحَانَهُ وَتَعَالَىއީ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެކަން ހަނދާންކޮށްދީ، އެ ފަދަ ޢަމަލުތައް ކުރާ މީހުން، އެ ކަންކަން ދޫކޮށް، އަވަހަށް ތައުބާވުމަށް ޚުޠުބާގައި ވަނީ ގޮވައިލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!