ބުރަފަތި މައްސަލަޖެހި ހާލުގައި ޖެހުނު ލޯންޗެއް ސަލާމަތްކޮށްފިއެވެ.
ނ.އަތޮޅުން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި ށ.ފުނަދޫ ފަޒާ ސްޕީޑް ލޯންޗްގެ ބުރަފަތި މައްސަލަޖެހި ބޮމަސްދޫ ކައިރިއަށް ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް ށ.އަތޮޅު ފުލުހުން ވަނީ އެ ލޯންޗައް އެހީތެރިކަން ފޯރުކޮށްދީ އެ މީހުން ސަލާމަތްކޮށްފައެވެ.
އެ ލޯންޗުގައި ހަތަރު ފަސިންޖަރުން ދަތުރުކުރިއިރު، އޭގެތެރޭގައި ތިން ކުޑަކުދިންނާއި އަންހެނަކު ހިމެނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާއިރު، މިހާރު އެ މީހުން ވަނީ ށ.ފުނަދޫއަށް ގެންގޮސްފައެވެ.
ބުރަފަތި މައްސަލަ ޖެހުން ލޯންޗް ފުލުހުންގެ އެހީތެރިކަމާއިއެކު މިހާރު ވަނީ ނ.ހެނބަދޫ އަށް ގެންގޮސްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން ރަނގަޅުވާން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!