ބޮޑު ޢީދުގެ މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ އެންމެ މުހިންމު އިލްތިމާސަކީ، މާތްﷲ ދެއްވި ނިޢުމަތްތަކުގެ މަތީން ހަނދާންކޮށް، ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބޮޑު ޢީދުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެންމެ އިސްކުރަށްވާފައި ވަނީ ފަލަސްތީނެވެ. މިގޮތުން މި އަހަރުގެ ބޮޑު ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުންކަމަށް ވަނީ ވިދާޅުވެފައެވެ.
އެއަށްފަހު އެމަނިކުފާނު ވަނީ ބޮޑު ޢީދުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނުގެ އިލްތިމާސެއް ކުރަށްވާފައެވެ.
''ބޮޑު ޢީދުގެ މި ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ އެންމެ މުހިންމު އިލްތިމާސަކީ، ﷲ ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތީން އަބަދުމެ ހަނދާން ކުރެއްވުމެވެ. ޢީދުގެ އުފާ ފައުޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓެވުމެވެ. އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި، ފުރެއްދެ ސަގާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ.'' އެ އިލްތިމާސް ކުރަށްވަމުން ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ ޚިޠާބުގައި ވަނީ ކީރިތި ﷲގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ ޢަމަލުތަކުގެ ތެރޭގައި، މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ ޢަމަލެއް ކުރުންކަން ފާހަގަކުރައްވާފައެވެ. އަދި މެހްމާންދާރީ އަދާކުރުން، ޞަދަޤާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުޢާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި ޢަމަލުތަކަށް އަވަސްވެގަތުންކަމަށް ވިދާޅުވިއެވެ.
''މި އީދުގައި އެންމެ އިސްކުރަނީ ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާ ކޮށްދިނުން''
ޢީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ ދިވެހިން ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުޞޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުންވެސް އިސްކަން ދެއްވުން ވަސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
''ދަރީންނަށް އަޅުގަނޑުމެން ބުނެދޭންވީ، ޢީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާޢީ ރޫޙު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައެވެ. މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!